ޚަބަރު

ބިގްމޭން ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް ފަރުުވާދެނީ

މާލޭގައި ހުންނަ ބިގްމޭން ކެފޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:00 ހާ އިރު ކަމަށެވެ. އަލިފާން ރޯވީ ޗާންދަނީ މަގުގައި ހުންނަ "ބިގް މޭން އެންޑް ކޯ" ނަމަކަށް ކިޔާ ކެފޭއެެއްގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ އަލިފާނުގައި މީހަކު ފިހިފައިވާ ކަމަށެވެ. އަދި ފިހިފައި ވަނީ ބިދޭސީއެއް ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެ ކެފޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ، އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!