އެމްބަރ ހާޑް ޑެޕްއަށް ދޭންޖެހޭ ފައިސާ ދޭނެކަމަށް ބުނެފި
އެމްބަރ ހާޑް އޭނާގެ ކުރީގެ ފިރިމީހާ ޖޯނީ ޑެޕްއަށް ދޭންޖެހޭ 1 މިލިއަން ޔޫއެެސް ޑޮލަރު ދޭނެކަމަށް ބުނެފިއެވެ.
6 ހަފުތާ ވަންދެން ކުރިޔަށް ގެންދިޔަ މި ޝަރީއަތް ޓީވީއިން ވަގުތުން ދެއްކުމުން، މި ޝަރީއަތް ވެގެން ދިޔައީ ރެކޯޑު އަދަދަކަށް މީހުން ބެލި ޝަރީއަތަކަށެވެ. ޝަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ އަބުރުގެ ދައުވާކޮށް ޖޮނީ ޑެޕް އެމްބަރ ހާޑްގެ މައްޗަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ޝަރީއަތް ނިމުނީ ޖޫރީއިން ޖޯނީއާ އެއްކޮޅަށް ވޯޓުދީ އެމްބަރ ހާޑުގެ މައްޗައް ޖޯނީއަށް 15 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފައެވެ. އޭގެ ފަހުން އެމްބަރ ވަނީ މި ހުކުމް އިސްތިއުނާފަށް ހުށަހަޅާނޭކަމަށް މީޑިއާތަކުގައި މައުލޫމާތު ދީފައެވެ.
ނަމަވެސް މި ހޯމަ ދުވަހު ނެރުނު ބަޔާނުގައި އެމްބަރ ބުނެފައިވަނީ އެމެރިކާގެ ކޯޓު ސިސްޓަމަށް އޭނާ މިހާރު އެއްވެސް އިތުބާރެއް ނެތްކަމާއި، އިސްތިއުނާފަށް ގޮސްފި ނަމަވެސް ހަމަ ޖޯނީއާ އެއްކޮޅާސް ހުކުމް އަންނާނެކަމުގެ ބިރު އޮތުމުން އޭނާ ނިންމީ ޖޯނީގެ ލޯޔަރުންނާ އެކީގަ ވަކި އަދަދެއް ދޭން އެއްބަސް ވާން ކަމަށެވެ.
ޑެޕްގެ ލޯޔަރުން ނެރުނު ބަޔާނެއްގައި އެމްބަރގެ މި ނިންމުމަކީ ޑެޕްގެ ދިރިއުޅުމަށް އައިސްފައިވާ ހިތާމަވެރިކަން ފިލައިގެންދާން މަގު ފަހިކޮށްދޭނެކަމެއްކަމުން މިއީ އުފާވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި އެމްބަރގެ ފަރާތުން ލިބޭ 1 މިލިއަން ޑޮލަރު އެކި ޗެރިޓީތަކަށް ޑެޕް ހަދިޔާކުރަން ނިންމާފައިވާކަންވެސް މި ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.