ވޭމަންޑޫގައި މީހެއްގެ ގައިމައްޗަށް ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ތ. ވޭމަންޑޫގައި ފާރެއް ތެދުކުރުމުގެ މަސައްކަތުގައި އުޅުނު މީހެއްގެ ގައިމައްޗަށް ފާރު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ވޭމަންޑޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަތުހީއާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 07:00 ކަންހާއިރު ކަމަށާއި ހާދިސާގައި އަނިޔާވެފައި ވަނީ މެދު އުމުރުގެ ފިރިހެނަކަށް ކަމަށެވެ.
މިހާދިސާގައި ޒަހަމްވި މީހާ އަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ ކަމަށާއި އޭނާ އިތުރު ފަރުވާ އަށް މާލެ ފޮނުވަން ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ފަތުހީއާ ހަވާލާދީން ވަގުތު ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
މާލެ ގެންދަން އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ގެންދަން ދަތުރުގެ އިންތިޒާމްތައް އަދި ހަމަނުޖެހޭ ކަމަށާއި މިރޭ ފްލައިޓެއްގައި ގެންދެވޭނެ ކަމުގެ މައުލޫމާތެއް ވަނީ ލިބިފައިވާ ކަމަށް ފަތުހީ ވަނީ ވިދާޅުވެފައެވެ.