ޚަބަރު

ކޮވިޑް-19 އަށް ޓެސްޓު ކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް: އައިޖީއެމްއެޗް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) އަށް އައިޖީއެމްއެޗް ގައި ޓެސްޓު ކުރާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއް ގޮތަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

Ads by Sosun Fihaara

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ގެންނަ ހުރިހާ ސާމްޕަލަކާ މެދު ވެސް އަމަލު ކުރާނީ އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗެއްގެ ގޮތުގައި ކަމަށާއި، ގެނެވޭ ސާމްޕަލަކީ ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ އެއްޗަކަށް ވިޔަސް، ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ހޮސްޕިޓަލުގެ މެނޭޖްމެންޓުން އަބަދު ވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ،" ބަޔާނުގައި ވެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ ކޮވިޑް-19 ސާމްޕަލް އުފުލާއި ޓެސްޓު ކުރުމުގައި އަމަލު ކުރާނީ ޑަބްލިއުއެޗްއޯގެ ޕްރޮޓޮކޯލް އާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއް ގޮތަށް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާ ކުރި ޓެސްޓު ކިޓުތަކާއެކި މިހާރު ރާއްޖޭގައި ކޮވިް-19 އަށް ޓެސްޓު ކުރެވެ އެވެ. އެ ޓެސްޓުތައް ކުރަނީ އައިޖީއެމްއެޗުގެ ލެބޯޓަރީގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ފުރަތަމަ ސާމްޕަލް ޓެސްޓު ކުރިއިރު، ވަނީ ނެގެޓިވްވެފަ އެވެ.

އެ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކްރޫޒްލައިނާތައް އައުން މެދުކަނޑާލުމާއި، ޗައިނާ، ދެކުނު ކޮރެއާ އަދި އީރާނުން މީހުން އައުން މަނާ ކުރުމާއި، އެގައުމުތަކުން އަންނަ ދިވެހިން ދެ ހަފްތާއަށް ކަރަންޓީން ކުރުން ހިމެނެ އެވެ.

ޗައިނާއިން އަލަށް ފެނުނު ކޮރޯނާ ވައިރަހެއް ކަމަށްވާ، ކޮވިޑް-19 ގެ ސަބަބުން މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމަށް މި ވައިރަސް ފެތުރިފައި ވާއިރު، ބޮޑު ރޯގާއެއް ފެތުރިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ވަނީ ދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!