ޚަބަރު މުނިފޫހިފިލުވުން

ދިވެހި ފަންނާނުންނަށްވުރެ ބޮޑަށް އިސްކަން ދެނީ އިންޑިއާ ފަންނާނުންނަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެށުނު އާ އަހަރާއި ދިމާކޮށް ހުޅުމާލޭގައި ބޭއްވި ބޮޑު ޝޯގައި ދިވެހި ފަންނާނުންނަށް ފުރުސަތު ނުދިން މައްސަލަ ހޫނުވެއްޖެ އެވެ.

ކޮންމެ އައު އަހަރަކާއި ދިމާކޮށް ޝޯވ ދިނުމަށް އިންޑިއާ ފަންނާނަކު ރާއްޖެ ގެނެ އެވެ. އެގޮތުން މިއަހަރު ގެނައީ އިންޑިއާގެ ޕްލޭބެކް ސިންގާ ޕަވްނީ ޕާންޑޭ އެވެ. އޭނާއަކީ މާ ބޮޑު މަގުބޫލުކަމެއް އޮތް ފަންނާނެއް ނޫނެވެ. މިހައިތަނަށް އައިއިރު އޭނާގެ މަޝްހޫރުވީ ދެ ލަވައެކެވެ. އެއީ ފިލްމު ރައީސް ގައި ހިމެނުނު "ލައިލާ މެ ލައިލާ" ގެ އިތުރުން މިދިޔަ އަހަރު ނިކުތް ލައިގާ ގައި ހިމެނުނު "އަކްޑި ޕަކްޑި" އެވެ. ޕަވްނީ އަކީ ސޯޝަލް މީޑިއާގައިވެސް މާ ބޮޑު ފޭން ބޭސްއެއް އޮތް ފަންނާނެއް ނޫނެވެ. ގިނަ ދިވެހިންނަށްވެސް އޭނާ އެނގުނީ އައު އަހަރުގެ ޝޯއިންނެވެ.

އެ ޝޯގައި ރާއްޖޭގެ ހަބޭސް ބޮޑުބެރު ގްރޫޕާއި، ހަބޭސް ލެވިޓޭޝަންގެ އިތުރުން ހަބޭސް ފިއުޝަންވެސް ހުށަހެޅުންތަކެއް ހުށަހަޅައިދިނެވެ. އިތުރު އެއްވެސް ފަންނާނަކަށް މި ޝޯއިން ފުރުސަތު ދީފައެއް ނުވެ އެވެ.

މިމައްސަލަ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ބައެއް މަޤުބޫލު ފަންނާނުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު މާލޭގައި ބާއްވާ އެންމެ ވަރުގަދަ މިޔުޒިކު ފެސްޓިވަލްގައި ބޮޑު ހަރަދުކޮށްގެން އިންޑިއާއިން ފަންނާނުން ގެންނާތީ ކަންބޮޑުވުން އެބަ އޮތެވެ.

ރާއްޖޭގެ މަޝްހޫރު މިޔުޒީޝަން ޝަހީދު ލެގަސީ ބުނީ މިގޮތަށް ގެންނަ ބައެއް ފަންނާނުން ލަވަ ޖަހައިގެން ލިޕް ސިންކު ކުރާކަމަށެވެ. ރާއްޖޭގައި ލައިވް ހުށަހެޅުންތައް ހުށަހަޅައިދޭ ފަންނާނުން ތިއްބައި ސަރުކާރުން އިންޑިއާގެ ފަންނުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތް ޝަހީދު ކުށްވެރި ކުރި އެވެ. އަދި މިއީ ރާއްޖޭގެ ފަންނާނުންނަށް ކުރާ މަލާމާތެއްކަމަށްވެސް އޭނާ ބުންޏެވެ.

އައު އަހަރާއި ދިމާކޮށް މީގެ ކުރިންވެސް އިންޑިއާގެ ފަންނާނުން ރާއްޖެ ގެނެ އެވެ. މިފަދަ ޝޯތަކުގައި ދިވެހި ފަންނާނުންނަށް ފުރުސަތު ދެނީ ވަރަށް ލިމިޓުކޮށެވެ. ރާއްޖޭގައި ފިލްމީ އަދި މިޔުޒިކީ ފަންނާނުންނަށް ސަރުކާރުން އަހަމިއްޔަތުކަމެއް ނުދޭކަން ފަންނާނުން އަބަދުވެސް ފާހަގަކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!