3 ލައްކަ ރުފިޔާގެ އިނާމަކާއެކު ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ ރަންތާޖު ޤުރުއާން މުބަރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖެނުއަރީއާއި 15 ފެބްރުއަރީއާ ދޭތެރޭގައެވެ.
އޮޑިޝަނުން 20 ބައިވެރިޔަކު ހޮވާނެއެވެ. މި މުބާރާތުގައި 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކުރާނީ އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު ޖެހުމަށްފަހު، 450 އަށެވެ.
އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި އަދި މާލެ ސިޓީއެވެ.
މި މުބާރާތުން ވަނަ އަށް ދާ ފަރާތަކަށް -/300000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.