ފާޑުކިޔުމަކީ ނަފްރަތު އުފެއްދުން ކަމަށް ސިފަ ކުރުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން: ޣައްސާން
ފާޑު ކިޔާ މީހުންނަކީ ނަފްރަތު އުފައްދާ ބައެއްގެ ގޮތުގައި ސިފަ ކުރުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާގޮތަށް ހިޔާލު ފާޅު ކުރުމަކީ ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދޭ ހައްޤެއް ކަމަށާއި، ފާޑު ކިޔާ މީހުންނަކީ "ނަފްރަތު އުފައްދާ" މީހުންގެ ގޮތުގައި ސިފަ ކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށެވެ.
"އެއީ ތާރީހުން ފެންނަން ހުރި ބޮޑެތި އަނިޔާވެރިންގެ ގޮތް" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވަނީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އަވައްޓެރި ގައުމަކުން މިފަދަ ލާ އިންސާނީ އަމަލުތައް ހިންގާއިރު ސަރުކާރުން މިކަމާ ދެކޮޅަށް ބަސް ބުނެ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ޣައްސާން މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން ރާއްޖޭގައި ލާދީނީ ވޯކްޝޮޕްތަކެއް ބޭއްވި ކުއިލިއަމް ޖަމިއްޔާއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
ފާޑުކިޔުންތަކާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.