ރ. އަތޮޅުން ލިސްޓެއް ލިބުނު، މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ: ރައީސް
ރ.އަތޮޅުން އެރަށުގެ ރަށްރަށަށް ބޭނުންވާ މަސައްކަތްތަކުގެ ލިސްޓެއް ލިބިވަޑައިގެންނެވި ކަމަށާއި، އެ ލިސްޓްގައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރޭ ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރ. އަތޮޅު ކައުންސިލާއި އިއްޔެ ބައްދަލުކުރައްވައިފައިވާ ކަމަށާއި ރ. އަތޮޅުގެ ރަށްރަށުގައި ކުރަން ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދިޔަކަމަށެވެ.
ރައީސް ވިދާޅުވީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ފެށި، އޭގެތެރެއިން ބައެއް މަސައްކަތް ނިމި އަނެއްބައި މަސައްކަތް ފެށުމާއި ހިސާބުގައި ހުރިކަމަށް ކައުންސިލުން ޤަބޫލުކުރާކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"އަދި އެއާއެކުގައި އަވަސް ކުރަން ބޭނުންވާ ކަންތައްތަކާއި އިތުރަށް ރަައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކެއް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކައްތަކުގެ ލިސްޓެއް އަޅުގަނޑަށް ލިބުނު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި ހަވާލުކުރި ލިސްޓުގައި ހުރި ކަންތައްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލަސްތަކެއްނުވެ އަމަލީ މަސައްކަތް ތިބޭފުޅުންނަށް މިއަތޮޅުގެ ރަށްރަށުން ފެނިގެން ދާނެކަމުގެ ޔަގީންކަންވެސް އަޅުގަނޑު މިރޭ އަރުވަން" ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރ. އިންނަމާދޫގައި އޮތް އެންމެ ބޮޑުކަންބޮޑުވުމަކީ ޒަމާންތަކެއްވާންދެން މަސައްކަތް ކުރަމުން އަންނަ ނަރުދަމާ ނިޒާމު ނުނިމި ލަސްވަމުން އަންނަކަމުގެ ޝަކުވާކަމަށާއި މަޝްވަރާއަށްފަހުގައި ވާހަކަ ދައްކައި މި ނިންމީ މިހާރު އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިއޮތް ފަރާތައް ދީފައި އޮތް މުއްދަތުގައި އެ މަސައްކަތް ނުނިމިއްޖެނަމަ، އެކަމާއި ހަވާލުވެ، އިންނަމާދޫގެ ލަސްވެފައިއޮތް ނަރުދަމާ ނިޒާމު ޢަމަލީ މަސައްކަތް ނިންމައި، ޚިދުމަތް ދެވޭވަރު ކޮށްދޭނެކަމަށެވެ.
އަދި އިންނަމާދޫ ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މި އަހަރު ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދާނެކަމަށާއި ރާއްޖޭގެ ފައްސަތޭކައަށްވުރެ ގިނަމީހުންގެ އާބާދީ އޮންނަ ރަށްރަށުގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.