ވައިރަހާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށްފި
ކޮރޯނާ ވައިރަސް(ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފި އެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގައުމީ ފެންވަރުގައި ކޮރޯނާ ވައިރަސް އިން ރައްކާތެރި ވުމަށް ކުރަމުންދާ މަސައްކަތް ތަކުގެ އެންމެފަހުގެ މައުލޫމާތުތަށް ހިއްސާކޮށްފައެވެ.
މިހާތަނަށް ދިވެހި ރާއްޖެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައި ނެތްނަމަވެސް، ދުނިޔޭގެ އެހެން ގައުމު ތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ރިއާޔަތް ކޮށް، އަދި އެހެން ގައުމު ތަކުން އަޅަމުން އަންނަ ފިޔަވަޅު ތަކަށް ބަލައި، ރާއްޖެއަށް މި ބަލި އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް އެބަޔާނުގައި ވެއެވެ.
މި ބަލިން ރައްކާތެރި ވުމަށް ޓަކައި ދިވެހި ރާއްޖޭގައި މިހާތަނަށް އަޅަމުންއައި ހުރިހާ ފިޔަވަޅުތައް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން، މިހާރުން ފެށިގެން މިކަމާ ދުރާލާ ތައްޔާރު ވުމުގެ ގޮތުން އެކި އެކި މަސައްކަތް ކުރެވެމުން ދާކަމަށް އެންޑީއެމްއޭ އަދި އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެގޮތުން ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ އިރުޝާދު ގެ ދަށުން، އެންޑީއެމްއޭ އަދި އެޗްޕީއޭ އިން މިހާރު ވަނީ ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށް، މި މަސައްކަތުގައި ދިވެހިރާއްޖެ އޮތް ހާލަތު ބަލައި މުއައްސަސާތަކަށް ގާނޫނުން މަތިކުރާ ޒިންމާ އަދާކުރުމުގައި ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ގޮތުން، ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކަށް ހާއްސަކޮށް މާލޭގައި ޓްރެވަލް ކްލިނިކް އެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި މީގެ އިތުރުން، މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން ރޯގާތަކަށް ހާއްސަ ކޮށް، އަވަސް ހިދުމަތް ދެވޭނެ ފްލޫ ކްލިނިކެއް ސެނަހިޔާ ހޮސްޕިޓަލުގައި މިހަފްތާތެރޭ ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ އެމާޖެންސީ ޑްރީލް އެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މި ޑްރީލް ގައި މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެނަމަ ކަމާގުޅޭފަރާތްތަކުން ކަންކުރާނެ ގޮތާއި، އަދި މި ބަލި އިތުރަށް ފެތުރުން ހުއްޓުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީން ކުރާނެ ގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެއެވެ.