ޚަބަރު

އަދާލަތު ޕާޓީގެ އެންމެހާ ހައްގުތަކެއް ގުރުބާންކޮށްފައި އިމްރާން ނިކުންނެވީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ހޯދައިދޭން

ދެން އެމްވީ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ އެންމެހާ ހައްގުތަކެއް ގުރުބާންކޮށްފައި އިމްރާން ނިކުންނެވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިދޭންކަމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަރުކާރު ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ލިބެންޖެހޭ ކަމަށް ޝައިޚް އިމްރާން ވިދާޅުވުމާއި ގުޅިގެން މިއަދު ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެމްޑީޕީ އިން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ދީފާނެކަމަށް ދުށުމަކީ މޮޔަކަމެއް ކަމަށެވެ.

''ރާއްޖޭގެ ވެރިކަން ފުރޮޅާލަން ހެދި ކޯލިޝަންގެ އެގްރީމެންޓް ކޮބާ؟ ކޮބާ %16؟ ކޮބާ ހަތަރު ވަޒީރުން؟ ކޮބާ 16 މަޖިލިސް މެމްބަރުން؟ ކޮބާ މިވެރިކަން ގެނައި ރާއްޖޭގެ ސިޔާސީ ހަތަރު މަޒުހަބުގެ ހަތަރު އިމާމުންގެ މަތީ މަޝްވަރާ؟ ކޮބާ މެނިފެސްޓޯގައި އަދާލަތުން ހިމެނި 33 ސިޔާސަތު؟ ކޮބާ އަދާލަތުގެ މެމްބަރުންނަށް ލިބެންޖެހޭ ވަޒީފާތައް؟ އަދާލަތަށް ލިބުނު ސްލޮޓްތަކުގައި ގިނައިން ތިބީ ވެސް އެމްޑީޕީ މުހުސިންމެން ކަހަލަ އެމްޑީޕީގެ އަސްލު މީހުން، އެމީހުން ސްލޮޓްތަކަށް ލީވެސް އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ރައުޔެއް ނެތި'' އަދާލަތު ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ޝަހީމް ވިދާޅުވެފައިވެއެވެ.

ޝަހީމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދިނުމަށްޓަކައި އަދާލަތު ޕާޓީން ކުރިމަތިލެއްވި ބައެއް ބޭފުޅުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ އެބޭފުޅުންނަށް ވަޒީފާ ހަމަޖައްސައިދޭނެކަމަށް ޝަރުތުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ނަން ނެންގެވި ބޭފުޅުން އަދިވެސް ތިބީ ވަޒީފާ ނެތި ކަމަށާއި އެހުރިހާ ކަމަކާއި އަދާލަތު ޕާޓީގެ ހައްގުތަކެއް ގުރުބާން ކޮށްފައި އިމްރާން ނިކުންނެވީ އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދޭން ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

''އަދާލަތު ޕާޓީގެ ހައްގުތައް ގުރުބާން ކުރައްވާފައި ބުރަދާ އިމްރާން ނިކުންނެވީ އޭރުވެސް އެމްޑީޕީއަސް މަޖިލިސް މެޖޯރިޓީ ހޯދައިދެއްވާށެވެ. އެއީ އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ރުހުމެއް ނެތިއެވެ. އެކަމުގެ ސަބަބުން މުޅި ގައުމުގެ ނިޒާމަށާއި އިސްލާމީ އުއްމަތަށް ކުރަމުން އެދަނީ ފޫބައްދަން ދަތި ކަންކަމެވެ. އަދި ރާއްޖޭގެ އިސްލާމީ ސަޚްސިއްޔަތަށް ބޮޑެތި ގޮންޖެހުންތައް މެދުވެރި ވަމުންދާއިރު އަދާލަތު ޕާޓީގެ އަސްލު ސަޚްސިއްޔަތު ފެނިގެން ނުދާ ކަމީ މިއަދު ލޮލުން ކަރުނަ އަޅާ ހިތާމަކުރާ ކަމެކެވެ.'' ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ.ޝަހީމް މިއަދު ޝައިޚް އިމްރާނަށް ފާޑު ވިދާޅުވި ނަމަވެސް މިހާތަނަށް އެ ދެބޭފުޅުން ފާހަގަ ކުރެވިފައިވަނީ ގާތް އެކުވެރިންގެ ގޮތުގައެވެ. އެހެން ނަމަވެސް މިއަދު ޑރ.ޝަހީމް ކުރެއްވި ޕޯސްޓްގައި އެމަނިކުފާނަކީ އިމްރާންގެ ''ކުރީގެ އަޚާ'' ކަމަށްވިދާޅުވެ އިމްރާންއަށް ރަހުމަތް ލެއްވުން އެދި ދުޢާ ކޮށްފައިވެއެވެ.

ޑރ.ޝަހީމްގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް މިދުވަސްވަރު އެންމެ ބޮޑުވެފައިވާ ބޭފުޅަކީ ހޯމް މިނިސްޓަރ ޝައިޚް އިމްރާނެވެ. އެގޮތުން ޑރ. ބިލާލް ފިލިޕްސްގެ ދަރުސް ހުއްޓުވާ އަދި ލާދީނީ ވޯކްޝޮޕްތައް ބާއްވަމުން ދިޔައިރު އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވުމާއި ގުޅިގެން އިދިކޮޅުގެ ގިނަ ފާޑު ކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!