ޗައިނާއިން އަނެއްކާވެސް ކަނޑުމަތީގައި ތަމްރީންތަކެއް
ހަނގުރާމައިގެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އަސްކަރީ ތަމްރީންތަކެއް، ޗައިނާގެ ކަނޑުގެ ސިފައިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ބާއްވައިފިއެވެ.
ޗައިނާގެ ކަނޑުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް މި ބޭއްވީ، އެ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި އެމެރިކާގެ ކަނޑުގެ ސިފައިން ވެސް އަސްކަރީ ތަމްރީންތަކެއް ބާއްވަމުން ދަނިކޮށެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ތަމްރީންތަކުގައި ބައިވެރިވީ، އެ ގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު ޝަންޑޮންގްގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތަކާއި މަތިންދާބޯޓުތަކެވެ.
ޗައިނާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މީގެ ކުރިން އާންމުކޮށް ބާއްވާ އަސްކަރީ ފަރިތަކުރުންތަކާ ހިލާފަށް މިފަހަރުގެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ހަނގުރާމައިގެ ހަގީގީ ހާލަތެއްގައި ދުޝްމަނުންނާ ކުރިމަތިލުމުގައި އަމަލުކުރާނެ ގޮތުގެ މައްޗަށެވެ.
އެ ގޮތުން، ކަނޑުމަތިން އަންނަ ދުޝްމަނުންގެ ބަޔަކު ހަމަލާއެއް ދޭން އަންނަ ހާލަތެއްގައި، ޝަންޑޮންގް އިން ފުރުވައިލާ މަތިންދާބޯޓުތައް ދުޝްމަނުންނާ ކުރިމަތިލައި، އެ ހަމަލާއެއް ނާކާމިޔާބުކޮށްލާނެ ގޮތްތަކަށް މިފަހަރުގެ ތަމްރީންތަކުގައި ޚާއްސަ ސަމާލުކަމެއް ދިނެވެ. މީގެ އިތުރުން އެއްގަމާއި ވައިގެ މަގުން އަދި ކަނޑު އަޑިން އަންނަ ދުޝްމަނުންގެ ހަމަލާތަކަށް ރައްދު ދޭނެ ގޮތުގެ ތަމްރީންތަކެއް ވެސް މިފަހަރު ހެދި ކަމަށް ޗައިނާގެ އަސްކަރިއްޔާ އިން ބުންޏެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޓްޒްގެ ލަޝްކަރުގައި ހިމެނޭ މަނަވަރުތައް ވެސް، އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ނިމިޓްޒް ބައިވެރިވާ މި ތަމްރީންތަކަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި އެ ގައުމުގެ ކަނޑުގެ ސިފައިން އާދައިގެ މަތިން ބާއްވާ ފަރިތަކުރުންތަކުގެ ބައެކެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނިމިޓްޒް މަނަވަރާއި އެ ލަޝްކަރުގައި ހިމެނޭ އެހެން މަނަވަރުތައް ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި އަމާޒުކުރީ، ކަނޑުމަތީގައި ހިނގާ އަސްކަރީ ކުރިމަތިލުމެއްގައި އަމަލުކުރާނެ ގޮތަށެވެ. އޭގެ އިތުރުން ސަބްމެރިންއާ ދެކޮޅަށް ހަމަލާ ދޭނެ ގޮތުގެ ތަމްރީންތަކެއް ވެސް، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ.