ކުރިން މަޝްރޫއުތަކާ ގުޅޭ ގޮތުން ޝަކުވާތައް ލިބުނު ނަމަވެސް މިހާރު ރައްޔިތުންގެ ބޮޑު ޝަކުވާއެއް ނެތް
ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ބޮޑު ޝަކުވާއެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުމުންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
އަދި ރައްޔިތުން އެދިލައްވަނީ ކުދި ކުދި ބަދަލުތައް މަޝްރޫއުތަކަށް ގެންނަން ކަމަށާއި ބޮޑެތި ޝަކުވާތައް ލިބެމުން ނުދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ވެރިކަމަށް އައި އިރު ނުނިމި ހުރި ގިނަ މަސައްކަތްތައްވެސް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ވެރިކަމަށް އައިއިރު ގިނަ ރަށްރަށަށް ސާފު ބޯފެން ނުލިބޭ. ނަރުދަމާގެ ނިޒާމެއް ނެތް. ސިއްހީ ހިދުމަތް ރަށްރަށުން ހޯދުމަކީ ދަތި އުނދަގޫ ކަމެއް. އެ ރަށުގައި ދިރިއުޅެނީ ދިވެހިންކަމެއް، ދިވެހި ރައްޔިތުން ކަމެއް، އިންސާނުން ކަމެއް ބައެއް ފަހަރަށް ދޭހަނުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުން ގެންދިއައީ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން މަސައްކަތް ކުރަނީ ބޮޑު ރަށެއް، ކުޑަ ރަށެއް، މެދު ރަށެއް ސިޓިއެއް ނުބަލާ އަސާސީ ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.