ދުނިޔެ

ޗައިނާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް-19 ބަލި ޖެހިފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ޗައިނާގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ފަށާފައި ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލި ހިސާބުން ފެށިގެންނެވެ.

Ads by Sosun Fihaara

ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާފައި ވަނީ 2022 ޑިސެންބަރު 7 ވަނަ ދުވަހުއެވެ. ފިޔަވަޅުތައް ދޫކޮށްލުމާ އެކު، ބަލި ފެތުރުން އިތުރުވެ، ބަލި ޖެހިފައިވާ މީހުންނާ އެކު ހޮސްޕިޓަލުތައް ފުރެން ފެށިއެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ޗައިނާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިސް އެޕޮޑެމިއޮލޮޖިސްޓު ވޫ ޒުންޔޫ ވިދާޅުވީ، އެ ޤައުމުގެ އާބާދީގެ 80 އިންސައްތަ މީހުންނަށް މިހާރު ކޮވިޑް ޖެހިފައިވާ ކަމުގައެވެ. އެހެންކަމުން، ކުރިއަށް އޮތް ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި، ބަލީގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހުމަކީ ނާދިރުކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޗައިނާގެ އައު އަހަރާ ދިމާކޮށް، އެތަކެއް މިލިޔަން ބަޔަކު ދަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ. މި ދަތުރުތަކާ ގުޅިގެން، ރަށްފުށުގެ ސަރަޙައްދުތަކަށް ވެސް ކޮވިޑް ބަލި ފެތުރިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ޝީ ޖިންޕިންގް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ރަށްފުށުގެ ސަރަޙައްދުތަކަކީ، އެންމެ ފުރިހަމަ ޞިއްޙީ ޚިދުމަތްތައް ޤާއިމުކޮށްފައިވާ ސަރަޙައްދުތަކެއް ނޫނެވެ.

ޗައިނާގައި މި ވަގުތު އެންމެ ހަލުވި މިނެއްގައި ބަލި ފެތުރެމުން ދަނީ އާބާދީ ބޮޑެތި ރަށްތަކުގައެވެ. މީގެ ތެރޭގައި ވެރިރަށް ބެއިޖިންގްގެ އިތުރުން ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީ ވެސް ހިމެނެއެވެ. އަދި، އައު އަހަރާ ދިމާކޮށް ދަތުރުތައް އިތުރުވުމުގެ ސަބަބުން، ބަލި ފެތުރުން އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ދުވަސްވަރު، ރަށްފުށުގެ ސަރަޙައްދުތަކަށް ބަލި ފެތުރިދާނެތީ ޝީ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އެ ސަރަޙައްދުތަކުގައި ޞިއްޙީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރަމުންދާ ކަން އޭނާ ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖަނަވަރީއާއި ފެބުރުވަރީ މަހުގެ ތެރޭގައި ޗައިނާގެ އެކި ކަންކޮޅުތަކުގައި ދެ ބިލިޔަނަށްވުރެ ގިނަ ދަތުރު ކުރާނެ އެ ޤައުމުގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން އަންދާޒާ ކުރެއެވެ. މިއީ، ހުސްވި 2022 ވަނަ އަހަރާ އަޅައިބަލާއިރު ދެ ގުނަ އިތުރު ޢަދަދެކެވެ. އަދި، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިއާ އަޅައިބަލާއިރު، 70 އިންސައްތަ އިތުރު ޢަދަދެކެވެ.
ޖަނަވަރީ 18 ވަނަ ދުވަހު އެކަނިވެސް އެ ޤައުމުގައި 30.2 މިލިޔަން މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. މީގެ ތެރޭގައި ގިނައީ، އައު އަހަރުގެ ޗުއްޓީއަށް، އަމިއްލަ ރަށަށް ދަތުރުކުރި މީހުންނެވެ.

ޗައިނާއިން މި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލި ފަހުން އެތަކެއް ހާސް ބަޔަކު ވަނީ މި ބަލީގައި މަރުވެފައެވެ. ޖަނަވަރީ 12 ވަނަ ދުވަހާ ހަމައަށް މި ބަލީގައި މަރުވި މީހުންގެ ޢަދަދު 60,000 އިން މައްޗަށް އަރާފައިވާ ކަމުގައި ޗައިނާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އެ ޢަދަދު މިއަށްވުރެ މަތިވާނެ ކަމުގައި ޗައިނާގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!