ޚަބަރު

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000ރ. ކަނޑައަޅަން ޝިޔާމް ހުށަހަޅުއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ވަޒީފާ އަދާ ކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމަށް އިިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖްލީސް މެމްބަރު އަހްމަދު ޝިޔާމް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

ޝިޔާމް މިގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިސްޓަރު ފައްޔާޒު އިސްމާއިލަށް މިހާރުވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6400 ރުފިޔާ ކަނޑައެޅުމަށް ލަފާދީފައެވެ.

މިނިމަމް ވޭޖާ ގުޅޭގޮތުން މިއަދު އެ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރެއްވި އިރު ރަށްރަށުގައި ދަމާފައި ހުރި ބެނާތަކުގައި 10،000 ރުފިޔާ ދޭނެވާހަކަ ބުނެފައި އޮތްކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވުމަށް ޝިޔާމް ހުށަހެޅުއްވިއެވެ.

"އަޅުގަނޑު މި އުޅެނީ ސަރުކާރުގެ ވައުދެއް ފުއްދައި ދިނުމަށްޓަކައި އެހީތެރިވާން. އަޅުގަނޑުމެން ކީއްވެގެންތޯ ސެކްޓޯރަލް ޑިފަރެންސަސް [ދާއިރާތަކުގެ ތަފާތު] ތައް މި ކަމުގައި ގެންގުޅެންވީ. އެކި ސެކްޓާތަކަށް އެކި ވަރު ދޭންވީ. ދާއިރާތައް ތަފާތު ކުރުމުގެ ވިސްނުން ގެންގުޅެންވީ. އެހެންވީމާ ސަރުކާރުން ވައުދުވި ގޮތަށް، އަޅުގަނޑު ހުށަހަޅަން ހުރިހާ ސެކްޓާތަކަށް 10،000ރ. މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން. އޭރުން ކަންނޭނގޭ ސަރުކާރުގެ ވައުދު ފުއްދޭނީ،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް ޝިޔާމް ހުށަހެޅުއްވި ނަމަވެސް ކޮމިޓީގެ މެޖޯރިޓީގެ ތާއީދެއް މި ހުށަހެޅުމަކަށް ނުލިބުނެވެ. އެ ކޮމިޓީގެ މެޖޯރިޓީއަކީ ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންނެވެ. ޝިޔާމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އެކަންޏެވެ.

ޝިޔާމަށް ރައްދު ދެއްވައި އެމްޑީޕީ މެމްބަރުން ވިދާޅުވީ ދެވޭނެ އެންމެ ކުޑަ އުޖޫރައާއި ގުޅޭގޮތުން އިޤްތިސާދީ ވަޒީރު އެދިފައިވަނީ ހިޔާލަކަށް ކަމަށާއި ވަކި އަދަދަކަށް ނޫންކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިނިމަމް ވޭޖްގެ ގޮތުގައި ވަކި އަދަދެއް އިޤްތިސާދީ ކޮމިޓީން ކަނޑައަޅުއްވަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000 ރުފިޔާ ހަމަޖައްސަން ޝިޔާމް ހުށަހެޅުއްވުމުން، ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅަން އެމްޑީޕީން ކެމްޕެއިންގައި ބުނެފައި ނުވާނެކަމަށެވެ. ނަމަވެސް އެމްޑީޕީއިން އޭރު ރަށްރަށުގައި ދެމި ބެނާތަކުގެ ފޮޓޯ އަދިވެސް ވަރަށް ގިނަ މީހުން މީސް މީޑިއާގައި ހިއްސާ ކުރެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝިޔާމް ހުށަހެޅުމަކަށް ވޯޓެއްވެސް ނާހައެވެ. އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވިގޮތުގައި، އެ ކޮމިޓީން ނިންމާފައިވަނީ އެކި ފަރާތްތަކުގެ ލަފާ ހޯދުމަށެވެ. އަދި އެކަން ނުކޮށް ވަކިވަރެއް ކަނޑަނޭޅޭނެކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭގެ މި ނިންމެވުމާއި ގުޅިގެން ޝިޔާމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ކޮމިޓީގައި އިދިކޮޅު މެމްބަރުން ތިބުމުގެ ބޭނުމެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!