މިހާރު ކުރިއަށްއެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތައް ފަޅާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި އެހެންކަމުން އެއްވެސް ފޮއްޓެއް ނުފެޅުމަށް އެޕާޓީގެ ސެކްރެޓޭރިއެޓުން އިލްތިމާސްކޮށްފިއެވެ.
މިއަދު ހެނދުނު ވޯޓުލުން ފެށިގެން މަދު ގަޑިއިރެއްގެ ތެރޭގައި އިންތިހާބީ މަރުކަޒުތަކުގައި ވަނީ ގިނަ ހަމަނުޖެހުންތަކެއް އުފެދިފައެވެ. ބައެއް ރަށްރަށުގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ފަޅައި ވޯޓުލުން ހުއްޓުވާފައިވާއިރު ބައެއް މީހުން ވަނީ ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުވެސް ކޮށްފައެވެ.
އެމްޑީޕީ ސެކްރެޓޭރިއެޓުން ބުނީ މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
"މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވަން" އެމްޑީޕީ ސެކްރެޓޭރިއެޓުން ބުންޏެވެ.
ޕްރައިމަރީގެ ވޯޓަށް އެމްޑީޕީގެ އާންމު މެމްބަރުންގެ ފަރާތުން ލިބެމުން ދަނީ ފިނި ތަރުހީބެކެވެ. އެހެންނަމަވެސް ބައެއް މަރުކަޒުތަކުގައި އޮޅުވާލައިގެން ވޯޓު ލާކަމުގެ ޝަކުވާތަކެއް ފެންމަތިވެފައިވާއިރު ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވަނީ ގިނަ މައްސަލަތަކެއް ހުށަހަޅައިފައެވެ.
އެ މަނިކުފާނު މިއަދު ވިދާޅުވެފައިވަނީ ފުލުހުން ގެންދަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާއި ބައެއް އޮބްޒާވަރުންވެސް ހައްޔަރު ކުރަމުން ކަމަށެވެ. އެމީހުން ދޫކޮށްލަން ގޮވާލައްވައި ރައީސް ނަޝީދު ވަނީ ގަޑުބަޑު އުފައްދާ މީހުންނާއިމެދު ފިޔަވަޅު އަޅަން އެދިލައްވައިފައެވެ.