ނިމިގެން ދިޔައީ އެމްޑީޕީގެ އެންމެ ފުރިހަމަ އިންތިހާބު، ސީރިއަސް ޝަކުވާއެއް ނެތް: އިބުރޭ
އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މިހާތަނަށް ބޭއްވުނު އެޕާޓީގެ އެންމެ ފުރިހަމަ އިންތިހާބު ކަމަށް އިންތިޚާބު ކޮމިޓީގެ މުގައްރިރު، އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު އިބުރޭ ވިދާޅުވީ އިއްޔެގެ އިންތިހާބުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށް ގެންގޮސް ހަމަ އެ ދުވަހުގެ ތެރޭ ވަގުތީ ނަތީޖާތައް ވެސް އާންމުކުރުން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ތާރީހުގައި އަލަށް ކުރެވުނު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިއްޔެގެ އިންތިހާބު ތެރޭގައި ގިނަ އަދަދެއްގެ ޝަކުވާ ހުށަހެޅި ނަަމަވެސް އިބުރޭ ވިދާޅުވީ މާ ސީރިއަސް ޝަކުވާތަކެއް ހުށަހަޅާފައި ނުވާކަމަށެވެ.
"މިއަދުގެ މިހާތަނަށް ވެސް ލިބިފައިމިވަނީ އަޅުގަނޑުމެންގެ ރަސްމީ ޕޯޓަލަށް ހުށަހެޅިފައިވާ 50 ޝަކުވާ. ފޯނަށް ލިބުނީ 10 ޝަކުވާ،" އިބުރޭ ވިދާޅުވި އެވެ.
ސީރިއަސް ބައެއް މައްސަލަތައް އިބުރޭ ފާހަގަކުރެއްވި އެވެ. އެގޮތުން ކެންޑިޑޭޓެއްގެ މަންދޫބުކަމަށް ބުނެ ޕީޕީއެމްގެ ދެ މީހަކު ވޯޓުލާ މަރުކަޒަށް ވަދެ, ވޯޓުލުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަމަށް ބުނެގެން ށ. ފީވަކުގައި އިންތިޚާބުގައި ވޯޓުލުން ފެށުން ލަސްވި މައްސަލައެއް ފާހަގަވިކަމަށް އޭނާ ވިދާޅުވި އެވެ. އެމައްސަލަވެސް ފުލުހުންގެ އެހީތެރިކަމާއިއެކު ހައްލު ކުރިކަމަށް އޭނާ ވިދާޅުވި އެވެ.
ނަތީޖާ ޝީޓުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންނަށްވުރެއް އިތުރަށް ވޯޓު ލާފައިވާ މައްސަލައިގައި އިބުރޭ ވިދާޅުވީ އެކަން ހިނގީ ރީ ރަޖިސްޓްރީ ކުރުމުގެ އުސޫލެއް ނެތުމުން ކަމަށެވެ. ލިސްޓުގައި ނަން ނެތަސް އެމީހަކު ހުރި ކޮންމެ ތަނަކުންވެސް ޕްރައިމަރީގައި ވޯޓު ލެވޭނެކަން ކުރިންވެސް އިއުލާން ކޮށްފައިވާނެކަމަށް އިބުރޭ ވިދާޅުވި އެވެ.
އެހެންނަމަވެސް ކުރިއަށް އޮންނަ އިންތިހާބުތަކުގައި ރީ ރަޖިސްޓްރީ ކުރަން ހުޅުވައިލާނެކަމަށް އިބުރޭ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ޕްރައިމަރީ 61 އިންސައްތައިގެ އަގުލަބިއްޔަތުން ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 28 އިންސައްތަ މީހުން އިއްޔެގެ ޕްރައިމަރީގައި ބައިވެރި ނުވެ އެވެ.