ދުނިޔެ

ޗައިނާގެ ޖާސޫސުން އެމެރިކާގެ ވައިގެ ތެރެއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޖާސޫސީ ބެލޫންއެއް ނުވަތަ ޖާސޫސީ އާލާތްތައް ހަރުކޮށްފައިވާ ބޮޑު ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަނުމާ ގުޅިގެން އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަދެފައި ވަނީ ކެނެޑާގެ ސަރަޙައްދުންނެވެ. އަދި، ފުއްޕާހަން ދަނީ ކެނެޑާއާ އިންވެގެން އޮންނަ މޮންޓާނާ ސްޓޭޓްގެ މަތިން ދަތުރުކުރަމުންނެވެ.

Ads by Sosun Fihaara

އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ވަނީ، އެމެރިކާގެ ވައިގެ ސަރަޙައްދަށް ފުއްޕާހަން ވަނުމުގެ ކުރިން އެ ކަމުގެ މަޢުލޫމާތު ލިބި، އެ ކަން ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި، ފުއްޕާހަން ފެނުމާ އެކު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އޭގެ ކައިރިއަށް ދަތުރުކޮށް، އެއާ ގުޅޭ މަޢުލޫމާތު އެއްކޮށްފައެވެ.

ފުއްޕާހަމަށް ހަމަލާދީ އޭތި ނައްތައިލުމަށް ރައީސް ޖޯ ބައިޑަން ވަނީ އިރުޝާދު ދެއްވާފައެވެ. ނަމަވެސް، ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިންއާއި އަސްކަރީ އިސްވެރިން މަޝްވަރާކުރުމަށް ފަހު، އެ ކަން ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. ސަބަބަކީ، ފުއްޕާހަމުގެ ބައިތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެއްޓި، ޢާންމުންގެ މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ފުއްޕާހަމަކީ ޖާސޫސް ކުރުމުގެ ބޭނުމުގައި ޗައިނާއިން ފޮނުވާފައިވާ އެއްޗެއްކަން ކަށަވަރުވާ ކަމުގައި ޕެންޓެގަންގެ އޮފިޝަލަކު ވިދާޅުވިއެވެ. މޮންޓާނާއަކީ، އެހެން ބައްރުތަކުގައިވާ ޤައުމުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) ސައިލޯތަކާއި ނިއުކްލިޔަރ ހަތިޔާރު ރައްކާކޮށްފައި ހުންނަ ސްޓޭޓެކެވެ. މީގެ އިތުރުން، އެ ޤައުމުގެ ދިފާޢީ ވުޒާރާއާއި އަސްކަރިއްޔާގެ މަރުކަޒުތައް ވެސް އެ ސްޓޭޓްގައި ހުރެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ މިހާރު އުޅުއްވަނީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. މި ހާދިސާއަކީ އެމެރިކާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ގޮތުގައި ދެކޭ ކަމަށާއި، ބައިނަލްއަޤުވާމީ ޤާނުނުތަކާ ޚިލާފު އަމަލެއް ކަމުގައި ވިދާޅުވެ، ބްލިންކަން ވަނީ ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރައްވާފައެވެ.

އެ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދުގެ ތެރެއިން އަދިވެސް ދަތުރުކުރަމުންދާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. އަދި، ފުއްޕާހަން ދަތުރުކުރަމުން ދަނީ ޢާންމު ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ މަތިންދާބޯޓުތައް ދަތުރުކުރާ އުސްމިނަށް ވުރެ މަތިން ކަމަށާއި، ވައިގެ ދަތުރުފަތުރަށް ނުރައްކަލެއް ނެތް ކަމުގައި ވެސް ދިފާޢީ ވުޒާރާގެ އޮފިޝަލުން ބުނެއެވެ.

މީގެ ކުރިން ވެސް ޗައިނާއިން ވަނީ މި ފަދަ ޖާސޫސީ ފުއްޕާހަންތައް އެމެރިކާ ކައިރިއަށް ފޮނުވާފައެވެ. ނަމަވެސް، މިއީ މި ފަދަ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަދެ، ސްޓޭޓެއްގެ މަތިން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.
ފުއްޕާހަމަކީ ޖާސޫސް ކުރަން ފޮނުވާފައިވާ އެއްޗެއް ކަމުގައި އެމެރިކާއިން ތުހުމަތު ކުރި ނަމަވެސް، ޗައިނާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ.

އަދި، އެ ފުއްޕާހަމަކީ މޫސުމީ އަދި ސައިންސްގެ ދާއިރާއިން ދިރާސާކުރަން ބޭނުންކުރާ އެއްޗެއް ކަމަށާއި، އެމެރިކާގެ ވައިގެ ސަރަޙައްދަށް ފުއްޕާހަން ވަދެފައި ވަނީ އޮޅުމަކުން ކަމުގައި ވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި، މި ހާދިސާއާ މެދު ހިތާމަކުރާ ކަމުގައި ވެސް ޗައިނާއިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!