ޚަބަރު

ވައިރަހަށް ތައްޔާރުވުމަށް އޮތް ހަމައެކަނި ދައްޗަކީ އަމީން: އަފީފު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ޙާލަތަކަށް ތައްޔާރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނު ކަމުގައި ރައްޔިތުން މަޖިލިހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލިހުގެ މެންބަރު އާދަމް ޝަރީފު ޢުމަރު ހުށަހެޅުއްވި ޤަރާރަށް ވާހަކަދައްކަވަމުން، ޢަފީފު ތުހުމަތުކުރެއްވި ގޮތުގައި އަމީނު ވަޑައިގަންނަވަނީ ސަރުކާރަށް ޖެއްސުންކުރަމުންނެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިއްޖެ ޙާލަތެއްގައި ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ދަތިތަކެއް ދިމާވެދާނެތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަމަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވުމަށް ސަރުކާރަށް ގޮވާލައި އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ޢަފީފުވަނީ މިމައްސަލައަކީ އެއްވެސް ޙަޤީޤަތެއް ނެތް މައްސަލައެއް ކަމުގައި ވިދާޅުވެފައެވެ.

ޢަފީފު ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ސަރުކާރުން ދަނީ މިކަމަށް ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންނެވެ. ޢަފީފު ފާހަގަކުރެއްވި ގޮތުގައި ވައިގެ ބަނދަރުގައި އެންމެ ރަނގަޅަށް ސްކްރީނިން އިޖުރާއާތު ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގައެވެ. އެގޮތުން ރާއްޖޭގައި 10 ކެމެރާ ހުރި ކަމުގައާއި ބޮޑެތި ކެމެރާގެ ހަ ކެމެރާ ހަރުކޮށްފައިވާ ކަމުގައިވެސް ކުރިން ހޯމް މިނިސްޓަރުކަން ކުރެއްވި ޢަފީފު ވިދާޅުވިއެވެ.

ރާއްޖޭގައި ކާބޯތަކެތި އެބަހުރި ކަމުގައާއި އެކަމަށް އެސްޓީއޯއިން ވަރަށް ރަނގަޅަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މިހާރު ކާޑުގެ ބާވަތް ރައްކާކުރެވިފައިވާ މިންވަރު ކަމުގައި ބައެއް ޢަދަދުތައްވެސް ޢަފީފު ވިދާޅުވެދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި 58 ހާސް ޓަނުގެ ހަނޑުލާއި 25 ހާސް ޓަނަށްވުރެ ގިނަ ޢަދަދަކަށް ހަކުރާއި 43 ހާސް ޓަނުގެ ފުށާއި މިހާރުވެސް އެބަހުރި ކަމުގައާއި ކުރިއަށް އޮތްތަނުގައި ހަނޑޫގެ 25 ހާސް ޓަނަކާއި 20 ހާސް ޓަނެއްގެ އިތުރުން ހަކުރުގެ 15 ހާސް ޓަނުގެ ދެ ޝިޕްމެންޓަކާއި، ފުށުގެ 10 ހާސް ޓަނުގެ ޝިޕްމެންޓެއްގެ އިތުރުން 20 ހާސް ޓަނުގެ ޝިޕްމެންޓެއް ލިބޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޢަފީފު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތައްޔާރީތަކުގައި ދަތިކަމެއް ކުރިމަތިވަނީ ހަމައެކަނި ހެލްތު މިނިސްޓްރީން ކަމުގައެވެ. އެއީ ޖޭޕީގެ މިނިސްޓަރެއް ހުންނެވުމުން ސަރުކާރަށް ދުއްތުރާކޮށް ޖެއްސުންކުރަނީ ކަމުގައެވެ. އަދި އޭގެ އިތުރުން އަމީނު ކަންކުރައްވާ ގޮތް ބައްލަވަން ރައީސް ޞާލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މިނިސްޓަރު ކަންކަން ކުރައްވަނީ ރައީސްގެ އިރުޝާދުފުޅާ އެއްގޮތަށް ތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!