ޚަބަރު

އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއި އެކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ އުމްރާވެރިންގެ ވިސާ ކެންސަލުކޮށްފައިވާކަމުގެ މައުލޫމާތު ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވެލް އޭޖެންސީތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. މިނިސްޓްރީއިން ބުނެފައިވަނީ ދިވެހި އުމްރާވެރިންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށެވެ. އެހެންކަމުން ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅު، ސަރުކާރުން ބަލައިގަނެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބައިނަލްއަޤްވާމީ ޞިއްޙީ ކުއްލި ޙާލަތެއް ދިމާވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ޢުމްރާވެރީންނާއި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމުގައި ވީ ހިނދު، ސަޢޫދީ ޢަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތައް ދިވެހިރާއްޖެއިން ބަލައިގެންފައިވާ ކަމަށެވެ.

އެހެންކަމުން، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިޙްތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އެ މިނިސްޓްރީން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. މިފަދަ ނިންމެވުމެއްގެ ސަބަބުން، ޢުމްރާ ދަތުރުތައް ރާއްވަވާފައިވާ ކުންފުނިތަކާއި، ޢުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެންނަމަވެސް، އެކަމަކީ ދިވެހި ސަރުކާރާއި، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމުން، އެކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުޢައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް ޢަމަލުކުރެއްވުމަށްވެސް އިލްތިމާސްކުރާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސް ޓާސްކް ފޯސް އެއް އެކުލަވާ ލައްވާ، ސަރުކާރުން ވަރަށް ގާތުން އެކަން ބަލަމުން ގެންދާތީ، އެ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު، ޢުމްރާވެރިންނާ، ޢުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންވީ ގޮތް ޙިއްސާކުރަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 ވައިރަސް ފެތުރޭތީ އުމްރާއަށް މީހުން އައުން މަނާކުރަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ މިދިޔަ މަހުގެ 27 ގައި ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!