ކުނި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވުމުން ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މޭޔަރު މުޢިއްޒު ވިދާޅުވީ މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއްކަމަށެވެ.
މި މަސައްކަތާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ކޮމެޓީގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މީގެ މަޤްޞަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗާއި، ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ލުއިފަސޭހަ އަދި ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ އުފެއްދުމާއި، އަދި ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީ ހޯދުންކަމަށެވެ.