އަންހެނުން ބާރުވެރިވާ ނިސްބަތް ދެނެގަތުމަށްޓަކާ ވިމެން އެންޑް ޑިމޮކްރަސީން ހާއްސަ ދިރާސާއެއް ކުރިއަށް ގެންދަނީ
އިޤްތިސާދީ ގޮތުންނާއި ސިޔާސީގޮތުން އަންހެނުން ބާރުވެރިވާ ނިސްބަތް ދެނެގަތުމަށްޓަކައި ވިމެން އެންޑް ޑިމޮކްރަސީން ހާއްސަ ދިރާސާއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ދިވެހި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އިސް މަދަނީ ޖަމިޢްޔާއެއްކަމުގައިވާ ވިމެން އެންޑް ޑިމޮކްރަސީގެ ހާއްސަ އިސްނެގުމުގެ މަތިން ވަނީ އަންހެނުންގެ ކުރިއެރުމަށް ވަކާލާތުކުރާ އިތުރު އެހެން ޖަމިޢްޔާއެއް ކަމުގައިވާ ވިމެންއޮން ބޯޑްސް އާއެކު، މުސްތަގުބަލުގައި އަންހެނުން އިތުރަށް ބާރުވެރިކުރުމަށް ފުރުސަތުތައް ހޯދައިދިނުމުގެ ނިޔަތުގައި ހާއްސަ ދިރާސާއެއް ފަށާފައެވެ. މިދިރާސާ ކުރިޔަށް ގެންދަނީ ނޭޝަނަލް ޑިމޮކްރަޓިކް އިންސްޓިޓިއުޓްގެ މާލީ އެހީތެރިކަމުގެ ދަށުންނެވެ.
ވިމެން އެންޑް ޑިމޮކްރަސީ ޖަމިޢްޔާއިން މައުލޫމާތު ދިން ގޮތުގައި މިދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާނީ ދައުލަތުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭންގެ ދަށުން އަންނަނިވި ކަންތައްތާް ތަންފީޒު ކުރެވިފައިވާ މިންވަރު ނިސްބަތުން ދެނެގަތުމުގެ މައްޗަށެވެ.
އެއީ ތަންފީޒީ މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު އިތުރުކުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާތައް ބާރުވެރި ކުރުން، އަންހެނުންގެ އިގްތިސާދީ ބާރުވެރިކަން ކަށަވަރުކުރުން އަދި އަންހެން ވިޔަފާރިވެރިންނަށް ފައިސާ ލިބޭނެ ފަހި ގޮތްތައް އިންތިޒާމް ކޮށްދިނުން، މިކަންކަމުގެ މަށްޗަށެވެ.
އެ ޖަމިއްޔާއިން ބުނީ ދިރާސާގައި ސަރުކާރުގެ ޖުމްލަ 14 އިދާރާ އަކުން މައުލޫމާތު ލިބިގަނެވި އެމައުލޫމާތުގެ މަށްޗަށް ތަފާސްހިސާބުތައް އަންދާޒާ ކުރެވެމުންދާނެކަމަށެވެ. އެ އިދާރާތަކުގެ ތެރޭގައި ރަޢީސް އޮފީސް، ރައްޔިތުންގެ މަޖިލީސް، ޖެންޑަރ މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ، ޑިޕަރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، މޯލްޑިވްސް މަނަޓެރީ އޮތޯރިޓީ އަދި މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް ފަދަ ކަމާބެހޭ ސަރުކާރުގެ އިދާރާތައް ހިމެނެއެވެ.
މިދިރާސާގެ ނަތީޖާ އަންނަ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރ އަދި މަދަނީ ޖަމިޢްޔާތަކާއި ހިއްސާކުރެވިގެންދާނެއެވެ. އަދި އެ ޖަމިޢްޔާގެ މީސް މީޑިޔާތަކުގައި ޝާއިރުކުރެވިގެންދާނެވެ.
2016 ވަނަ އަހަރު އުފެދުން ވިމެން އެންޑް ޑިމޮކްރަސީ އަކީ މިންތީ ތަފާތުތައް ނައްތާލައި، ހުރިހާ މައިދާނެއްގައި އަންހެނުން ބާރުވެރިކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެކެވެ. ޖަމިޢްޔާގެ މަސައްކަތްތައް ފާހަގަކޮށް ދުނިޔޭގެ ބޮޑެތި ބައިނަލްއަޤުވާމީ ޖަމިއްޔާތައް ކަމަށްވާ ކޮމަންވެލްތް ފައުންޑޭޝަން، ޔޫ އެސް ޑިޕަރޓްމެންޓް އޮފް ސްޓޭޓްއަދި ޔުނައިޓެޑް ނޭޝަންސް ޔޫތް އެންވޯއީސް އޮފީސް ފަދަ މުއައްސަސާތަކުން ވަނީ އަގުވަޒަންކޮށްފައެވެ.