އީރާންގެ ރައީސް ޗައިނާއަށް
އީރާންގެ ރައީސް، އިބްރާހީމް ރައީސީ ޗައިނާއަށް ވަޑައިގަންނަވާނެކަން އެ ގައުމުން އިއުލާންކޮށްފި އެވެ. މިއީ ރައީސް ޝީ ޖިންޕިންގެ ހާއްސަ ދައުވަތަކަށް ރައީސީ ކުރައްވާ ދަތުރެކެވެ.
ޗައިނާ ފޮރިން މިނިސްޓްރީން ބުނާ ގޮތުން މި ދަތުރު އޮންނާނީ މި ފެށޭ ހަފުތާގަ އެވެ.
އީރާންގެ ރައީސަށް ޝީ ޖިންޕިން ދައުވަތު ދެއްވާފައި ވަނީ ފެބްރުއަރީ 14-16 އަށް ޗައިނާއަށް ވަޑައިގަތުމަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިބްރާހީމް ރައީސީ ޗައިނާއަށް ކުރައްވާ ދަތުރުގައި އެންމެ ހައްސަ ކަމަކަށް އޮންނާނީ ޝީ ޖިންޕިންއާ ބައްދަލު ކުރެއްވުމެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވޭ ރަސްމީ މަޝްވަރާތައް މި ބައްދަލުވުމުގައި އޮންނާނެ އެވެ.
ޗައިނާ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ދެ ގައުމުގެ ވިޔަފާރިވެރިން އެއް މޭޒުދޮށުން ބައްދަލުކުރުން ވެސް އޮންނާނެ އެވެ. ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާ ބެހޭ ގޮތުން އިސް ވެރިންގެ މެދުގައި މަޝްވަރާކުރުން ވެސް އޮންނާނެ އެވެ.
އެމެރިކާގެ ނުފޫޒާ ހެދި ދުނިޔެ ގަނެފައި އޮންނަ ބިރު ނައްތާލުމާ ބެހޭ ގޮތުން ވެސް ޝީ ޖިންޕިން އާއި ރައީސީ މަޝްވަރާކުރައްވާނެ އެވެ. އެމެރިކާގެ އޮއިވަރުގައި ނުޖެހި އިގުތިސާދީ ގޮތުން ކުރިއެރުމަށް ވެސް ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޝީ ޖިންޕިން އާއި ރައީސީ އެންމެ ފަހުން ބައްދަލު ކުރެއްވީ އުޒްބެކިސްތާންގެ ސަމަރުގަންދުގަ އެވެ. އެއީ ފާއިތުވި އަހަރު ސެޕްޓެމްބަރުގައި އޮތް ޝަަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގަ އެވެ.
ޗައިނާ އާއި އިރާން އަކީ ވިޔަފާރީގައި އެކުވެރި ދެ ބާރެވެ. އެމެރިކާ އާއި ހުޅަނގުން އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކަށް ނުބަލައި -- އީރާންގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާ އެވެ.
އީރާންގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އީރާނުން ޗައިނާއަށް 12.6 ބިލިއަން ޑޮލަރުގެ އެކްޕޯޓްކުރެވިފައިވެ އެވެ. އަދި ޗައިނާއިން އިރާނަށް 12.7 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓްކުރެވިފައިވެ އެވެ.