"ވައިރަހުގެ މައްސަލަ ސަމާލުކަމަށް ގެނައުމަކީ ހާސްކަން އިތުރުކުރުން ކަމުގައި ދެކުނީތީ ހިތާމަކުރަން"
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަކީ "ހާސްކަން އިތުރުކުރުން" ކަމުގައި ދެކުނީތީ ހިތާމަކުރައްވާ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ ކޮރޯނާ ވައިރަހާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަނީ ކަމަށް ބުނެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ދަނިކޮށް އޭނާގެ ވާހަކަ ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މެދުކަނޑާލެއްވުމާ ގުޅިގެންނެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދުނިޔެ ހާސްކަމެއްގެ ތެރޭގައި މިވަގުތުވާ އެންމެ ބޮޑު މައްސަލަ، ސަރުކާރުގެ ސަމާލުކަމަށް ގެނެސް ފިޔަވަޅުތައް ހަރުދަނާކުރުން އެއީ "ހާސްކަން އިތުރުކުރުން" ކަމުގައި ދެކުނީތީ ހިތާމަކުރާ ކަމަށެވެ.
މުޅިދުނިޔެ ހާސްކަމެއްގެ ތެރޭގައި މިވަގުތުވާ އެއްމެ ބޮޑު މައްސަލަ، ސަރުކާރުގެ ސަމާލުކަމަށް ގެނެސް ފިޔަވަޅުތައް ހަރުދަނާކުރުން އެއީ "ހާސްކަން އިތުރުކުރުން" ކަމުގައި ދެކުނީތީ ހިތާމަކުރަން! @MohamedNasheed @Shiyamaldives pic.twitter.com/JOOeh6gc5u
— Mohamed Saeed (@em_saeed) March 4, 2020
މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމުގެ ވިދާޅުވެފައިވަނީ މިސަރުކާރުން ކަންކަން އޮޅުވައިނުލާނެ ކަމުގައި ޤަބޫލުކުރަން ވަރަށް ދަތި ކަމުގައެވެ. އެގޮތުން ބާޣީ ލުޠުފީ ބޭރުގެ ސަފާރާއެއްގައި ފޮރުވައިގެން ގެންގުޅުނީވެސް އޮޅުވާލައިގެން ކަމަށާއިބެޑް ޝީޓެއްގެ ސަބަބުން ކުޑަކުއްޖަކު ގެއްލުނު ކަމުގައި ބުނެ އެކަމުގައިވެސް އޮޅުވާލި ކަމުގައި ޝިޔާމު ތުހުމަތުކުރެއްވިއެވެ.
ޝިޔާމްގެ މި ވާހަކައާ ގުޅޭ ގޮތުން ރައީސް ނަޝީދު ތަދައްޚުލުވެވަޑައިގެން ވިދާޅުވެފައިވަނީ އެގޮތަށް ވާހަކަދައްކަވަން ފުރުޞަތު ދެއްވެވެން ނެތް ކަމުގައެވެ. އަދި ރާއްޖޭގެ އެއްވެސް މީހަކު ކާއެއްޗެއް ގަންނަން އެއްވެސް ތާކަށް ދުވެ އުޅެނިކޮށް ދެކެވަޑައިނުގަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.