ޚަބަރު

ވައިރަހަށް ޕޮޒިޓިވްވި ޗިލީ ފަތުރުވެރިޔާގެ މައުލޫމާތު ހޯދަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗިލީން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖެ އަށް ވެސް ދަތުރުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާތީ އޭނާގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ) އިން ބުނެފި އެވެ.

Ads by Sosun Fihaara

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީ އިން ބުނެފައި ވަނީ އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ކަމަށެވެ. 33 އަހަރުގެ އެ ފިރިހެން މީހާއަކީ ޗިލީގެ ޓަލްކާ ސިޓީގައި ހުރި މީހެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ވެސް ޗިލީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އެމީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައެވެ.

އެންޑީއެމްއޭ އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެ ދަތުރުކުރި ޗިލީ ނިސްބަތްވާ މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނާ ވާހަކަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ޗިލީގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޭނާގެ މައުލޫމާތާއި އަދި އޭނާގެ ދަތުރާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭވެސް ބުނެފައިވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޗިލީގެ މި ރިޕޯޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!