މި މައްސަލާގައި މުޣުނީ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މުޣުނީ ދެއްކެވި ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވެސް އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ކާރިސާތަކަށް ޖޯކު ޖަހާއިރު ރިޔާސަތުން ނުހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިލްޔާސް
ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި ކާރިސާތަކަށް މަޖިލީހުގައި ޖޯކު ޖަހާއިރު ރިޔާސަތުން އެކަންކަން ނުހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުޣުނީ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި އެގޮތުން ކާމިޔާބު ކުރާނީ އިދިކޮޅު "ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން" ކަމަށެވެ.
މުޣުނީގެ މި ވާހަކަތަކަށް ފާޑުވިދާޅުވެ އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މުޅި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި ކާރިސާތަކަށްޖޯކު ޖެހުމާއި، އިސްލާމް ދީނާ ހިލާފުކަންކަން ކުރާނެ ކަމަށް ގޮވާއިރު ރިޔާސަތުން އެކަންކަން ނުހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
Majilihuge thalhumugai, mulhi dhuniye ah dhimaa vefaivaa bodethi karisāthakah joaku jehumaai, islām dhēnā khilaaf kan kan kurānekamah govāiru, riyasathun nuhuttuvumakē rayyithun balaigannāne kameh noon. Mifadha kankamun rayyithun iburah hasilkurānekan kashavaru IA
— Ilyas Hussain (@shkilyas) March 4, 2020
"މިފަދަ ކަންކަމުން ރައްޔިތުން އިބްރަތް ހާސިލް ކުރާނެކަން ކަށަވަރު އިންޝާﷲ." އިލްޔާސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.