ޖަޕާނުގެ އުތުރަށް ބާރުގަދަ ބިންހެލުމެއް

ޖަޕާނުގެ އުތުރުގެ ރަށެއް ކަމަށްވާ ހޮކައިޑޯގެ އިރުމަތީ ސަރަހައްދަށް ހޮނިހިރު ދުވަހު 6.1 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައެއް ނުވެއެވެ.
ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް ފޯ އާތު ސައިންސް އެންޑް ޑިޒާސްޓާ ރެޒިލިއަންސް (އެންއައިއީޑީ) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ 61 ކިލޯމީޓަރު (38 މޭލު) އަޑިން ނެމޫރޯ ޕެނިންސިއުލާ އަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ހޮކައިޑޯގެ ދެ މުނިސިޕަލްޓީއެއްގައި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ 7 ޕޮއިންޓުގެ އިންޓެންސިޓީ ސްކޭލުން ބަލާނަމަ، "ދަށް 5" ގެ ގޮތުގައެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި އެއީ އާންމުގޮތެއްގައި އިމާރާތްތަކުގައި ހުންނަ ފަރުނީޗަރަށް ލޮޅުން އަރާނެ މިންވަރެކެވެ.