ދުނިޔެ

ކޮވިޑް ލީކްވީ ޗައިނާގެ ލެބަކުން ކަމަށް އަނެއްކާވެސް އެމެރިކާއިން ތުހުމަތުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނީ ޗައިނާގެ ލެބޯޓްރީއަކުން އެ ބަލީގެ ވައިރަސް ލީކުވުމުގެ ސަބަބުން ކަމަށް އެމެރިކާއިން އަނެއްކާ ވެސް ތުހުމަތުކޮށްފިއެވެ. މި ފަހަރު ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައި ވަނީ އެމެރިކާގެ ހަކަތައާއި ބެހޭ އިދާރާއިންނެވެ. ނަމަވެސް، ވައިޓް ހައުސްއިން އަދިވެސް ބުނަމުން ދަނީ އެ ކަމާ މެދު ވަކި ގޮތެއް ކަނޑަނާޅާ ކަމުގައެވެ.

Ads by Sosun Fihaara

އެމެރިކާގެ ހަކަތައާ ބެހޭ އިދާރާއިން ވެސް ކުރިން ބުނަމުން ގޮސްފައި ވަނީ، ކޮވިޑް-19ގެ ހަޤީޤަތް އަދި ސާފުނުވާ ކަމަށާއި، އެ ބަލި އިންސާނުންގެ ތެރޭގައި ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ ލެބޯޓްރީއަކުން ލީކުވުމުގެ ސަބަބުން ކަމަށް ބުނަން ނޭނގޭ ކަމުގައެވެ. ނަމަވެސް، އެ ނިންމުން މިހާރު މި ވަނީ ބަދަލުކޮށްފައެވެ.

މި ބަލީގެ ވައިރަސް އިންސާނުންނާ ހަމައަށް ވާސިލުވެފައި ވަނީ ޗައިނާގެ ލެބޯޓްރީއެއްގެ ސަބަބުން ކަމަށް އެ އިދާރާއިން ނިންމާފައިވާ ކަން ހާމަވެފައި ވަނީ، އެ އިދާރާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް އެކްރިލް ހެއިންސްގެ އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯޓަކުންނެވެ. އެއީ، ސިއްރުކޮށްފައިވާ ލިޔުމެއް ނަމަވެސް، އެ ރިޕޯޓާ ބެހޭ ގޮތުން އެމެރިކާގެ ނޫސްތަކެއް ކަމުގައިވާ ދަ ވޯލް ސްޓްރީޓް ޖަރނަލްއާއި ދަ ނިއު ޔޯކް ޓައިމްސްއަށް ވަނީ މަޢުލޫމާތު ދީފައެވެ.

އެ ރިޕޯޓު އެކުލަވައިލާފައި ވަނީ އެ އިދާރާއިން ހިންގާފައިވާ ޖާސޫސީ މަސައްކަތްތަކަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައި އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ ހަކަތައާ ބެހޭ އިދާރާއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބަޔޮލޮޖިކަލް ދިރާސާތައް ކުރާ ގިނަ ލެބޯޓްރީތަކުގެ ބެލެނިވެރި ފަރާތެވެ.

އެމެރިކާގެ ތަހުޤީޤީ އިދާރާ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުން ވެސް މީގެ ކުރިން ވަނީ، ކޮވިޑް-19ގެ ވައިރަސް އިންސާނުންގެ ތެރޭގައި ފެތުރެން ފެށީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި ބުނެފައެވެ. ނަމަވެސް، އެމެރިކާގެ ހަތަރު ޖާސޫސީ އިދާރާއަކުން ޤަބޫލުކުރާ ގޮތުގައި، އެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލުވެފައި ވަނީ ޖަނަވާރުންގެ ފުށުންނެވެ.

މި ކަމާ ގުޅޭގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ، ބަލީގެ ވައިރަސް ފެށުނު ހިސާބެއް ކަނޑައެޅިގެން ދަންނަވަން އަދި ނޭނގޭ ކަމުގައެވެ. އަދި، މި ކަމުގައި އެކި އިދާރާތަކުން ހޯދާފައިވާ ތަފާތު މަޢުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ކަނޑައަޅަން ނޭނގޭ ކަމުގައެވެ.

ނަމަވެސް، އެމެރިކާގެ ހަކަތައާ ބެހޭ އިދާރާގެ ތުހުމަތުތަކާ ގުޅިގެން ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ކޮވިޑްގެ ބަލިމަޑުކަން ފެށުނު ގޮތާމެދު އައު ވާހަކަތަކެއް ދައްކައިގެން ޗައިނާގެ އަބުރުކަތިލަން މަސައްކަތް ކުރުން ހުއްޓައިލުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މައޯ ނިންގް ވަނީ އެމެރިކާއަށް ގޮވައިލައްވާފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ރަށެއް ކަމުގައިވާ ވޫހާންއިންނެވެ. އެއަށްފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ބަލި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި، މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވިއެވެ. މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ހަތް މިލިޔަނާ ގާތްކުރެއެވެ.

މި ބަލީގެ ފެށުން ހޯދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އަދި، ބަލީގެ ވައިރަސް ފެށިފައި ވަނީ ލެބޯޓްރީއަކުން ނޫން ކަމަށް ޑަބްލިޔު.އެޗް.އޯ.އިން ވެސް ޤަބޫލުކުރާ ކަމަށް ޗައިނާއިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!