ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބު 2023: އިންތިޚާބީ މައި މަރުކަޒަކަށް ދަރުބާރުގެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުން ކުރަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވައި ލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރަން ސަރުކާރުން އެތަން އެ ކޮމިޝަނަށް ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ހޯދަން އިލެކްޝަންސް ކޮމިޝަނުން ކުރިން މަސައްކަތް ކޮށްފައިވާއިރު، އޭގެ ކުރިން،  އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކޮށްފައިވަނީ ބާ ޖަމާލުއްދީނެވެ.

ރިޔާސީ އިންތިޚާބަށް އީސީން މިހާރު ވަނީ ތައްޔާރުވާން ފަށައިފައެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިދިޔަ ޖެނުއަރީ މަހު 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައިމަހުގެ ތިން ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި ރިޔާސީ އިންތިޚާބުގެ ސްލޯގަންއަކަށް ބޭނުންކުރަނީ "މަގޭ ވިސްނުން، މަގޭ ވޯޓު" ކަމަށެވެ.

މި ފަހަރު ވޯޓުލެވޭ މީހުންގެ ލިސްޓް މެއިމަހުގެ ދެވަނަ ދުވަހު އާންމުކުރާއިރު، ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ޖޫންމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދޭނެކަމަށް ވެސް ފުއާދު ތައުފީޤު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!