ޚަބަރު

ބަގީގެ ހިދުމަތްތަކަށް މާލެ ސިޓީ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ހިދުމަތަށް މާލެ ސިޓީ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައިފިއެވެ.

Ads by MWSC

ބަގީގެ ހިދުމަތް ވިލިމާލޭގައި ފެށުމަށް މާލެ ސިޓީ ކައުންސިލުން ބަގީގެ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ހުށައެޅުން ހުށައެޅީ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އެވެ. މި ހުށައެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީއެވެ.

ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

  •  4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  •  6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  •  12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!