ފައިޒަންގެ "އީތާ": ތަފާތު ނަމަކާއެކު އެހާމެ ހިތްގައިމު ލަވައެއް
ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ފައިޒަންގެ އިތުރު ލަވައެއް ދުނިޔޭގެ މަޝްހޫރު ބޭންޑަކާއި އެކު ރިލީޒް ކޮށްފިއެވެ.
ފައިޒަންގެ މިހިތްގައިމު ލަވައިގެ ނަމަކީ "އީތާ" އެވެ.
މިލަވައިގެ މާސްޓަރިން ހަދާފައިވަނީ ގޭމް އޮފް ތުރޯންސް އަދި ފަރެލް ވިލިއަމްސްގެ ހެޕީ ވެސް މާސްޓަރ ކުރި އާރޓިސްޓް ، ރުބެން ކޯހެން އެވެ
"ދެން" އާއި ވާހަކަ ދައްކަމުން ފައިޒަން ބުނީ އޭނާ ފުރަތަމަ ނެރުނު ލަވައަަށް ވެސް ދުނިޔޭގެ ބޮޑު ސަމާލު ކަމެއް ލިބުނު ކަމަށާއި އެހެން ކަމުން ދެވަނަ ލަވައެއް ވެސް "ޓްރައި" ކޮށްލަން ބޭނުންވި ކަމަަށެވެ. އަދި އެ ލަވަ އަކީ ވަޔޮލިންގެ މިއުޒިކާ ގުޅޭ ލަވައަކަށް ވާތީ ވަޔޮލިން ކުޅޭ ބޭންޑަކާ އެކު މަސައްކަތް ކުރުމަށް ބޭނުންވި ކަމަށެވެ.
"ޔޫޓިއުބް މެދުވެރިކޮށް ވަޔޮލިން ކުޅޭ ބޭންޑެއް ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ. އެގޮތުން އެންމެ ރަނގަޅު ބޭންޑަކަށް ފެނުނީ އެމެޑަސް އިލެކްޓްރިކް ކުއާރޓިޓް. އެހިސާބުން ދެން ފެށީ އެމެޑަސް އާއި ކޮންޓެކްޓް ކުރުމުގެ މަސައްކަތް" ފައިޒަން ބުންޏެވެ.
ފައިޒަން ގެ ނަސީބު ވަރަށް ވެސް ރަނގަޅެވެ. އޭނާއާއެކު މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އެމެޑަސް އިން ވެސް ފާޅުކުރިއެވެ.
"ދެން ފެށީ މި ލަވައަށް ސްޕޮންސަރުން ހޯދުމުގެ މަސައްކަތްތައް. އެގޮތުން އެމްއެމްޕީއާރުސީގެ ތޮއްޔިބު އާއި މިކަމާ ގުޅިގެން ވާހަކަ ދެއްކިން. ތައްޔިބުގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް މިކަަމަށް ލިބުނު. ސަބަބަކީ ރާއްޖޭގެ ފަަންނާނެއް ދުނިޔޭގެ މަޝްހޫރު ބޭންޑަކާ އެކު މަސައްކަތް ކުރުމަކީ ޤައުމަށްވެސް ލިބޭނެ ރީތި ނަމަކަށް ވާނެތީ" ފައިޒަން ބުންޏެވެ.
ފައިޒަން އަކީ މުޅި ދުނިޔެއިން ވެސް އެންމެ ނަން މަޝްހޫރު "ހޭންޑް ޕޭން" އާރޓިސްޓުންގެ ތެރޭގައި ހިމެނޭ އެކެކެވެ. ފައިޒަންގެ އެންމެ ފުރަތަމަ ލަވަ ކަމުގައިވާ "ހޭންގް އިން ދެއަރ" ވެސް ގިނަ އަދަދެއްގެ މީހުން ބަލާފައިވެއެވެ. އަދި ހަމަ އެހެންމެ އޭނާގެ މި ލަވަ ވަނީ 2016 ވަނަ އަހަރުގެ "ބެސްޓް ހޭންޑްޕޭން ވީޑިއޯސް" ގެ ތެރޭގައިވެސް ހިމެނިފައެވެ. ހުނަރުވެރި ފައިޒަން އަކީ މިޔުޒިކު އުފެއްދުމުގެ އިތުރުން ލަވަ ލިޔާ ވެސް ފަންނާނެކެވެ. ހަމައެހެންމެ އޭނާއަކީ ޑްރަމަށް ވެސް ކުޅަދާނަ މިޔުޒީޝަނެކެވެ.
ރާއްޖޭގެ މަޝްހޫރު ބޭންޑު “ސްކައި ރޮކް”ގައި ޑްރަމް ކުޅެމުން އެ ބޭންޑްގެ މެނޭޖަރުކަން ވެސް ކުރަމުންދާ ފައިޒާންގެ ޓީމުން ނެރުނު ފުރަތަމަ ލަވަ“ސަމުގާ”އަށް ވެސް ބޮޑު މަގުބޫލު ކަމެއް ވަނީ ލިބިފައެވެ. މިހާރު އެ ބޭންޑުން ދަނީ އަލްބަމެއްގެ މަސައްކަތް ކުރަމުން ކަމަށާއި އެ އަލްބަމުގައި “ސަމުގާ” ލަވަ ހިމެނޭނެ ކަމަށް ފައިޒާން ވަނީ ބުނެފައެވެ.
އެމެޑަސް އިލެކްޓްރިކް ކުއާޓިޓް އާއި އެކު ކުރެވުނު މި މަސައްކަތް ކާމިޔާބު ވުމުގައި ސްޕޮންސަރުންގެ އެހީތެރިކަން ފައިޒަން ވަނީ ވަރަށް ބޮޑަށް ފާހަގަ ކޮށްފައެވެ.
"މި ލަވަ ޝޫޓް ކޮށްފައި ވަނީ ސައި ލެގޫން ރިސޯޓްގައި. އެކަމަށް ޓަކައި އެފަރާތަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރަން. އޭގެ އިތުރުން މިލަވައަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި އެމްއެމްޕީއާރުސީގެ ތައްޔިބު އަށާއި މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ޝުކުރުގެ ލިސްޓުގައި ކެޗްކެޗް އިވެންޓްސް އަދި ލަވަފޮށީގެ އިތުރުން ރޮކް ޕޭޕަރ ސިޒާސް ސެލޫން އާއި ރޯގް ބައި ނަޖޫ އަށްވެސް ޚާއްސަ ޝުކުރެއް އަދާކުރަން. އަދި ވަރަށް ޚާއްސަކޮށް އަމާން އާއި ސޮއްޓި ގެ ޓީމަށް އަދި އިއްޔައަށްވެސް ޝުކުރު އަދާ ކުރަން" ބަސްދީގަތުން ނިންމާލަމުން ފައިޒަން ބުނެފައިވެއެވެ.