އަންހެނުންގެ ޙައްޤުތަކާ ގުޅޭ ޕްރޮގްރާމެއް އަފްގާނުގެ ޓީވީއަކުން ދައްކައިފި
އޯޑިއަންސްގެ އިތުރުން ޕެނަލްގައިވެސް މުޅިން އަންހެނުން ބައިވެރިކޮށްގެން އަންހެނުންގެ ހައްގުތަކާ ގުޅޭ ޕެނަލް ޑިސްކަޝަނެއް އަފްޣާނިސްތާނުގެ ޓޯލޯ ނިއުސް އިން ދުރަށް ދައްކައިފިއެވެ.
މިއީ މީގެ އަހަރެއްކުރިން އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވި ތާލިބާން ސަރުކާރުގައި ވުން ވަރަށް ދުރުކަމެކެވެ. އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވުމާއެކު ގިނަ އަދަދެއްގެ އަންހެން ނޫސްވެރިން ވަނީ ނޫސްވެރިކަން ދޫކޮށްލާފައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މިދިޔަ އަހަރު ކުރިޔަށްދިޔަ ދިރާސާއަކުން ހާމަވެފައިވާގޮތުގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިފަހުން 75 އިންސައްތައަށްވުރެ ގިނަ އަންހެން ނޫސްވެރިންގެ ވަޒީފާ ވަނީ ގެއްލިފައެވެ.
ސަރޖިކަލް މާސްކުން މޫނު ފޮރުވައިގެން ތިބި ތިން އަންހެނުން ޕެނަލްގައި ހިމެނޭއިރު މޮޑަރޭޓަރެއްގެ ގޮތުގައިވެސް އިނީ އަންހެނެކެވެ. ޕެނަލްގައި ވާހަކަދެކެވެނު މައުލޫއަކީ އިސްލާމްދީނުގައި އަންހެނާގެ މަގާމާ ގުޅޭގޮތުންނެވެ.
ޕެނަލްގައި ވާހަކަދައްކަމުން އަންހެން ނޫސްވެރިއެއް ކަމުގައިވާ އަސްމާ ޚުޔާނީ ބުނީ އިސްލާމީ ނަޒަރިއްޔާއަކުން ބަލާނަމަ އަންހެނުންނަށް ހައްގުތަކެއް ވާކަމަށާއި މަސައްކަތްކުރުމާއި ތައުލީމު އުނގެނުމަކީ އަންހެނުންނަށްވެސް ލިބިދީފައިވާ ހައްގެއްކަމަށެވެ.
ޕެނަލްގައި ބައިވެރިވި ޔުނިވަސިޓީގެ ކުރީގެ ޕްރޮފެސަރެއް ކަމުގައިވާ ޒާކިރާ ނާބިލް ބުނީ ކިޔެވުމާއި މަސައްކަތްކުރުމުގެ އިތުރު ގޮތްތައް އަންހެނުން ބަލަމުންދާނެކަމަށެވެ. ބޭނުންވިއަސް ނުވިއަސް އަންހެނުންނަކީ މުޖުތަމައުގައި އުޅޭ ބައެއްކަމަށާއި ސްކޫލުން ތައުލީމު ނުލިބޭނަމަ ގޭގައި ތިބެގެންވެސް އަންހެނުން އިލްމު އުނގޭނެނެކަމަށް ޒާކިރާ ބުންޏެވެ.
އަންހެނުން މަސައްކަތަށް ނުކުތުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުންނާއި އަފްޣާނިސްތާނުގެ އިގްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އަންހެނުން މަސައްކަތްކުރާ މިންވަރު ވަނީ 25 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ގިނަ އަންހެނުން އަމިއްލައަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ކުރަމުންދާކަމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ބުނެއެވެ.
އަފްޣާނިސްތާނުގައި ހުންނަ އދ ގެ މިޝަން އިން ވަނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ތާލިބާނުންނަށް ގޮވާލާފައެވެ.
އެގޮވާލުމާއި ގުޅިގެން ތާލިބާނުން ބުނެފައިވަނީ އެމީހުން ގަބޫލުކުރާ އިސްލާމީ ޝަރީޢަތާއި އަފްޣާނިސްތާނުގެ ޘަގާފަތުގެ ތެރެއިން އަންހެނުންގެ ހައްގުތަކަށް އިހުތިރާމްކުރާކަމަށާއި އަންހެން ކުދިންގެ ސްކޫލްތައް ހުޅުވުމާމެދު ކަމާގުޅޭ ކޮމިޓީން ބަލަމުންދާކަމަށެވެ.