ލައިފްސްޓައިލް

މުޝް މިދެނީ ކޮއްކޮގެ ބަކުން!

ޝާމިލާ އިބްރާހިމް ، ދެން އޮންލައިން

'ކޮއްކޮގެ ބަކުން' ނަމުގައި ހިންގާ އިންސްޓަގްރާމް ޕޭޖް ފެނިފައި ހިތަށް އެރީ މިހެންނެވެ؛

Ads by Sosun Fihaara

އަހަރެމެން ކުޑައިރު މަންމަމެން ބިންބި ފުށް ފުޑައިގެން ކާން ދިނީ ވަރަށް ތަކުލީފުގައެވެ. ނުވިތާކު ރަނގަޅު މައުލޫމާތު ލިބިފައި ނެތުމާއެކު، ތުއްތު ކުދިންނަށް ކާންދޭއިރު ސިއްހީ ފައިދާ ލިބޭނެތޯ ވެސް ވިސްނާ ނުލެވެއެވެ. އެކަމަކު ޒަމާން ބަދަލުވެ، ކާން ދެވޭނެ ފައިދާ ހުރި، އަދި ނުލާކު ފަސޭހައިން ތައްޔާރު ކުރެވޭނެ ބަކުންތަކަށް އަހަރެމެން މިއަދު އަހުލުވެރި ވެއްޖެއެވެ.

މިފަދަ އެކަކަކީ 'ކޮއްކޮގެ ބަކުން'ގެ މޭސްތިރިއާއެވެ. އެއީ އޯގަނިކް އެއްޗެހި ބޭނުން ކޮށްގެން ހަދާފައި ހުންނަ ބަކުން ވިއްކަމުން އަންނަ އުމުރުން 36 އަހަރުގެ އާމިނަތު މުޝްރިފާއެވެ. މުޅިންވެސް އޭނާގެ އަމިއްލަ ރެސެޕީތަކަށް ހަދާފައި ހުންނަ ފައިދާ ހުރި ބަކުންތަކުން ޅަ ދަރިންގެ ބަނޑު ފުރާލައިފިއެވެ.

"މިއީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ ނުވަތަ ތަންމަތި ވެފައިވާ މީހުންނަށް ހާއްސަކޮށް އަމިއްލައަށް ހަދައިގެން ވިއްކާ ބަކުނެއް."

ތިންވަނަ ދަރިފުޅާއެކު 'ކޮއްކޮގެ ބަކުން'

ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި ކުޑަކުދިންގެ ޑޮކްޓަރުންނާއެކު އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެވިފައިވާތީ، އަބަދުވެސް ކުޑަކުދިންނާ ގުޅުން ހުރި ކަންކަން ކުރުމަށް އޭނާގެ ޝައުގުވެރިކަން ހުރެއެވެ. ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ސިއްހީ ދާއިރާގެ އެ ވަޒީފާ ދޫކޮށްލިސް، މި ވިޔަފާރީގެ ޚިޔާލެއް އޭރަކު ނާދެއެވެ.

"މި އައިޑިއާ ލިބުނީ އަޅުގަނޑުގެ ތިންވަނަ ދަރިފުޅު ލިބުނު ހިސާބުން." ކުރިން ލިބުނު ދެ ކުދިންގެ ކެއުމަށްވުރެ ހަގު ދަރިފުޅުގެ ކެއުން 'ހެލްތީ' ކޮށްލާނަމޭ ހިތާ، މަސައްކަތް ފަށައިގަތީ އެ ހިސާބުންނެވެ.

ފޮޓޯ: މުޝް

އެހެންވެ މާބަނޑު ވީއްސުރެ، ބާރުލީ އަދި އޯޓްސް ފަދަ ތަކެތީގެ ފައިދާއާއި ބެހޭ ގޮތުން ދިރާސާކުރަން ފެށިއެވެ. ތައްޔާރު ކުރަންވީ ބަކުންތައްވެސް ދިޔައީ އޭނާގެ ސިކުނޑީގައި ކުރަހަމުންނެވެ.

"މިކަން ފެށިއިރު ހިތަށް އެރި އޮފީހުގައި ނުވަތަ ބިޒީކޮށް އުޅޭ މަންމައިންނަށް ވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްފަ ހެލްތީ އެއްޗެއް ކުދިންނަށް ދެވިދާނެއޭ. އެކަހަލަ މަންމައިންނަށް ފަސޭހަ ވާނެހެން ހުންނާނެ އިންސްޓޭންޓް ބަކުން ތައްޔާރުކޮށްފައި. އެއީ ހަމައެކަނި މިލްކާ ހޮޓް ވޯޓާ އެކަނި އެޑްކޮށްލައިގެން ދެވޭ ކަހަލަ ބަކުން. އެހެންވެ އެކަހަލަ މަންމައިންނަށް ފަސޭހަވާނެތީ (ވިޔަފާރިއެއް ގޮތަށް) ކުރަން ރަނގަޅު ކަމެކޭ ހިތާ މިކަން ފެށީ."

އެކަމަކު ވިޔަފާރީގެ ތެރެއަށް ވަނުމުގެ ކުރިން، ތިންވަނަ ދަރިފުޅު ލިބި، ކާން ދޭ އުމުރަށް އެޅުމުން، ފުރަތަމަ ވެސް އޭނާގެ ބަކުންތައް ޓެސްޓް ކުރީ ދަރިފުޅަށް ކާން ދީގެނެވެ. ކޮންމެ ކަހަލަ ބަކުނެއް ވިއްކި ކަމުގައި ވިޔަސް، ދެތިން ފަހަރު ދަރިފުޅަށް ކާން ދީ، ޓެސްޓް ކުރެއެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ބަކުން ތައްޔާރު ކުރަން ބޭނުންވާ އެއްޗެހި ތަންކޮޅެއް ހެޔޮ އަގެއްގައި ނުލިބުން. ބައެއް އެއްޗެހި ރާއްޖޭން ބޭރުންވެސް ގެންނަން ޖެހޭ."

ބަރުދަން އިތުރުކުރުމަށް ހާއްސަ ބަކުނެއް!

އެންމެ ގިނަ މައިންގެ ފޭވަރިޓަކީ މުޝްގެ މި 'ވެއިޓް ގެއިން' ބަކުނެވެ. ސަބަބުތައް ވެސް ބައިވަރެވެ.

"ވަރަށް ވޮރީ ކުރޭ ބައެއް މަންމަމެން. ބުނާނެ ވެއިޓް ގެއިނެއް ނުވެއޭ މިހާރު ދެމަސް ވެއްޖެއޭ މިވެނި ވަރެއްގަ ހުންނަތާ. އެހެންވެ، ހިތަށް އެރީ އެކަހަލަ މަންމަމެންނަށް ވެސް ވަރަށް ބޮޑު ހެލްޕަކަށް ވާނެއޭ ކުޑަ މަސައްކަތަކުން އެކަމަށް ހައްލެއް ލިބެންޏާ."

ފޮޓޯ: މުޝް

ބަރުދަން އިތުރު ކުރުމަށް ހާއްސަ މި ބަކުން ތައްޔާރު ކުރުމަށް މުޝް ބޭނުން ކުރަނީ މުގާއި ނަޓްސް އަދި ބީންސްގެ ބާވަތްތަކެވެ. އޭނާގެ މި މިކްސްޑް ކޮމްބޯ ބަކުނުން އެތައް ސިއްހީ ފައިދާތަކެއް ލިބެއެވެ.

"މެޖޯރިޓީ ހަމަ ޕޮސިޓިވް ފީޑްބެކް ފުރަތަމަ ވެސް ލިބެން ފެށީ. ނުކާ ކުދިން ކާ ކަމާ، ވެއިޓް ގެއިން ނުވާ ކުދިން ވެއިޓް ގެއިން ވާ ކަމަށް ފީޑްބެކްތައް ލިބެން ފެށީ." އުފާވެފައި ހުރެ އޭނާ ބުނެލިއެވެ.

"ބައެއް މަންމަމެން ސިކްސް މަންތްސް ވީމަ ކާންދޭން ފަށާފަ ސެވަން މަންތު ވީމަ ގުޅާފަ މި ބުނަނީ ވެއިޓް ގެއިނެއް ނުވެއޭ. ކޯއްޗެއްހޭ ކާން ދެނީ އެހީމަ މި ބުނަނީ ފްރުޓްސް އެންޑް ވެޖިޓަބަލްސްއޭ. އެކަމަކު އަސްލު ހަމައެކަނި ފުރުޓްސް އެންޑް ވެޖިޓަބަލްސްއިން ކުއްޖާގެ ހަށިގަނޑަށް މި ލިބެނީ ވިޓަމިންސްއާއި މިނަރަލްސް. ދަރިފުޅުގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ އާއި ފެޓްސް މި ލެކް ވަނީ."

"އެހެންވީމަ އޭގެ ބަދަލުގަ ކާން ދޭން ފަށާއިރު ގްރެއިންސްގެ ބާވަތަކުން ފެށީމަ ދަރިފުޅުގެ ހެދިބޮޑުވުމަށް ބޭނުންވާ ހަކަތަ ލިބޭނެ. މުގު އެއީ ހަމަ ވަރަށް ހެލްޕްފުލް އެއްޗެއް. ޕްލަސް އޭގެ ތެރެއަށް ފްރުޓެއް އެޑްކޮށްލީމަ އެއްކަލަ ވިޓަމިން އެންޑް މިނަރަލް ވެސް ލިބުނީނު ދޯ."

އުންމީދަކީ އިންޓަނޭޝަނަލް މާކެޓަކާ އެން.ޖީ.އޯއެއް

ސަރުކާރުގެ އެއްބާރުލުމާއެކު އިންޓަނޭޝަނަލް މާކެޓަށް މުޝްގެ މި އުފެއްދުންތައް ވިއްކުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ކެއުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރު ކުރުމަކީ މިހާރު އޭނާގެ އެއް އަޒުމެވެ.

ފޮޓޯ: މުޝް

"އަޅުގަނޑުގެ ޕޭޖް މެދުވެރިކޮށް، ޑޮކްޓަރުންނާ ޑައިޓީޝަނުން ގެނެސްގެން ކުޑަކުދިންނާ ގުޅުން ހުރި މައުލޫތަކަށް ކްލަބް ހައުސް މެދުވެރިކޮށް އެވެއާނެސް ސެޝަންތައް ހިންގާފައި ހުންނާނެ. މި އަހަރުވެސް ތަންކޮޅެއް ފުޅާކޮށް އެ ޕްރޮގްރާމްތައް ހިންގުމަކީ އުންމީދެއް ހަމަ."

މިހާރު އެކަމަށް ހާއްސަ އެން.ޖީ.އޯ އެއް އުފައްދައި ރަޖިސްޓްރީ ކުރުމަށްވެސް އޭނާ އަންނަނީ ތައްޔާރު ވަމުންނެވެ. އޭގެފަހުގައި، ކުޑަކުދިންގެ ކަމާބެހޭ މާހިރުންގެ ޓީމްތަކާއެކު ރާއްޖެ ތެރޭ ރަށްރަށަށް ގޮސް، މައުލޫމާތު ސެޝަންތައް ނަގައިދިނުމުގެ ވިސްނުން ވެސް އެބަ ހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!