އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްޤް" ޝަރަފްއާ އާޝާއާއިއެކު ލޯންޗްކޮށްފި

ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްޤް" ރޭ ލޯންޗްކޮށްފިއެވެ.
އެސްއެމްއީ ހަބްގައި ރޭ ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ފިލްމު ލޯންޗްކޮށްދިނީ ޕްރޮޑިއުސަރު ލީނާޒް ހުސައިންއެވެ.
ލޯބީގެ މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ރާއްޖޭގެ މަޝްހޫރު އެކްޓަރު ޝަރަފް އަބްދުﷲ ގެ އިތުރުން ކާމިޔާބު ބަތަލާ އާމިނަތު ރަޝްފާ (އާޝާ)އެވެ. މީގެ އިތުރުންވެސް ފިލްމުގައި މުހިންމު މޫނުތަކެއް ފެނިގެންދާނެއެވެ.

އެސްއެމްއީ ހަބުގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން | ފޮޓޯ: ދެން
ރޭގެ ހަފްލާގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު އަޒްހާން ބުނީ މިއީ ލޯބީގެ އަސަރުގަދަ ފިލްމެއް ކަމަށެވެ. ހާއްސަކޮށް ލޯބީގެ އިމޯޝަނަލް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ ފިލްމަކަށް ވާނެކަމަށްވެސް އަޒްހާން ބުންޏެވެ.
މީގެ ކުރިން އަޒްހާން ވަނީ ދެ ވެބް ސީރީޒްއެއް ޑައިރެކްޓު ކޮށްފަ އެވެ. އެމްއެސް މީޑިއާނެޓުގައި މިހާރު ސްޓްރީމް ކުރަމުންދާ "ދަރަކަ" އަދި ބައިސްކޯފުގައި ސްޓްރީމް ކުރަމުންދާ "މިރާއީ" އަކީވެސް ކްރައިމް ތްރިލާ ޖޯންރާގެ ދެ މަސައްކަތެވެ. އަޒްހާން ބުނީ ކުރިން ކުރި ދެ މަސައްކަތާއި "މީ އިޝްޤް" ވަރަށް ތަފާތުވާނެ ކަމަށެވެ.

އެސްއެމްއީ ހަބުގައި ރޭ ބޭއްވި ހަފްލާގެ ތެރެއިން | ފޮޓޯ: ދެން
"މިއީ އާއިލާއާއިއެކު އައިސް އެންމެން ބަލާލަން ރަނގަޅު ފިލްމަކަށް ވާނެ. ހާއްސަކޮށް ދިވެހި އޯޑިއެންސާއި މިފިލްމު ވަރަށް ގުޅޭނެ" އަޒްހާން ބުންޏެވެ.
ފިލްމުގެ ޝޫޓިންތައް ފަށަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ރަމަޟާން މަހުގެ ފަހުން ޝޫޓިންއަށް ފުރަން ތައްޔާރުވެފައިވާކަމަށް އަޒްހާން ބުންޏެވެ. ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާފުށީގެ އިތުރުން މާލޭގައެވެ.

ރޭ އެސްއެމްއީ ހަބުގައި ބޭއްވި ހަފްލާގެ ތެރެއިން | ފޮޓޯ: ދެން
ރޭ ރިލީޒްކުރި ޓައިޓަލްގައި ފެންނަނީ ޕޫލެއްގެ ތެރޭގައި ފިލްމުގެ ނަމެވެ. ރުކެއްގެ ފަންތަކެއް އެ ޕޯސްޓަރުގައި ފެންނައިރު މިޔުޒިކް ނޯޓްސްތަކެއްވެސް ޓައިޓަލްއިން ފެނެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ހޮލިޑޭ މާހައުލާއި ގުޅުންހުރި އަދި މިޔުޒިކީ ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ.
"މީ އިޝްޤް" އޮލިމްޕަހުގައި އަޅުވާނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މި އަހަރުގެ ތެރޭގައި ފިލްމުގެ މަސައްކަތް މުޅިން ނިންމައިލެވޭނެކަމަށް އަޒްހާން ރޭ ވަނީ ހާމަކޮށްފައެވެ.