ދުނިޔެ

ޗައިނާގެ ރައީސްއާ ވަރަށް ހަވަހަށް ވާހަކަދައްކާނަން: ބައިޑަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މަޝްވަރާކުރައްވައިގެން ނޫން ގޮތަކަށް ހައްލުކުރެވެން ނެތް މައްސަލަތަކެއް އެބަ ހުއްޓެވެ. އޭނާ އަދި ވިދާޅުވީ ލަސްނުކުރައްވައި ޝީ ޖިންޕިންއާ ވާހަކަދައްކައިގެން އެ މައްސަލަތަކަށް ހައްލެއް ހޯއްދަވާނެ ކަމަށެވެ.

Ads by Sosun Fihaara

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން -- ވަކި ތާރީޚެއް ވިދާޅުނުވެ -- ބައިޑަން ވިދާޅުވީ ޝީ ޖިންޕިންއާ މަޝްވަރާކުރެއްވުމަށް އެޖެންޑާކުރައްވާފައި އޮތް ކަމަށާއި ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.

ބައިޑަން ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ކުރިން ވިދާޅުވި ގޮތުގައި، ބައިޑަން އާއި ޝީ ޖިންޕިންގެ މަޝްވަރާތައް އެއިރު ތާވަލުނުކުރެވި އޮތީ ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް ނުނިމޭތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޭޝަނަލް ޕީޕަލްސް ކޮންގްރެސް ހަމަ ނިމޭތަނުން، ދެ ލީޑަރުންގެ މަޝްވަރާތައް އެޖެންޑާކުރައްވާނެ އެވެ. އޭނާ އަދި ވިދާޅުވީ ދެ ރައީސުންގެ މަޝްވަރާތައް ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ވެސް ބާއްވަން ޖެހިވަޑައިގެންފާނެ ކަމަށެވެ.

އެމެރިކާ އާއި ޗައިނާ ވާދަވެރިކަމުގައި ގޮށްމުށްކަވާފައި ތިބި ނަމަވެސް ބޮޑެތި މައްސަލަތަކުގައި މަޝްވަރާކުރެ އެވެ. ޝީ ޖިންޕިން އާއި ޖޯ ބައިޑަން އެންމެ ފަހުން މަޝްވަރާކުރެއްވީ އިންޑޮނީޝިއާގެ ބާލީގައި، ނޮމެބަރު 2022 ގައެވެ.

މަޝްވަރާތައް އަވަސްކުރުމަށް ބައިޑަން ބާރުއަޅުއްވާ ކަމަށްވެސް އެޑްވައިޒަރު ވިދާޅުވި އެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ސަޕްލައިކުރާ މައްސަލަ އާއީ ޓައިވާނަށް މިނިވަން ދައުލަތެއްގެ ޝަރަފު ހޯދައިދިނުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގެ ސަބަބުން، ޗައިނާ އާއި އެމެރިކާއާ ދެމެދު މި ފަހަކުން އަބަދުވެސް އޮންނަނީ ކަނިބުރާފަ އެވެ.

މިހެން ކަން އޮއްވައި، އެމެރިކާއާ ދިމާ މަތިން -- ވައިގެ ތެރެއިން ޗައިނާގެ ފުއްޕާ ހަމެއް ދަތުރުކުރި މައްސަލާގައި ދެ ގައުމުގެ ގުޅުމަށް އޮތީ ފުސްބުރާފަ އެވެ. ދެކޮޅު ދެކޮޅަށް ބަދަލުކުރި ބަހުގެ ހަމަލާތަކަށް ފަހު ބަޑިއަށް އުންޑަ ލައްވާ ހިސާބަށް ވެސް އަރާރުންތައް ދިޔަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!