ދުނިޔެ

ޕާކިސްތާންގެ ރައީސް އަވަހާރަކޮށްލަން އުޅޭކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ލާހޫރުގައި ދިރިއުޅުއްވާ ގެކޮޅުގެ ބޭރު ޕާކިސްތާނުގެ އަސްކަރިއްޔާއިން ހިސާރުކޮށްގެން އެމަނިކުފާނު ހައްޔަރުކުރުމަށް ކުރި ކަންތައްތައްތަކަކީ ޤާނޫނާއި ޚިލާފަށް ކުރިކަމެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަލާމަތީ ބާރުތަކުން ވަނީ އިމްރާން ޚާން ދިރިއުޅުއްވާ ގެކޮޅަށް ވަދެގަތުމަށް މަސައްކަތްކޮށްފައެވެ. އެހެންކަމުން އިމްރާން ޚާން ހައްޔަރުކުރުމާއި ދެކޮޅަށް އެމަނިކުފާނުގެ ސަޕޯޓަރުން ނިކުތުމާއެކު ސަލާމަތީ ބާރުތަކާއި ސަޕޯޓަރުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ސަޕޯޓަރުން މައިތިރިކުރުމަށް ފުލުހުން ޓިއަރ ގޭހާއި ރަބަރު އުންޑަ ބޭނުންކުރުމުގެ ސަބަބުން މަދުވެގެން 70 މީހުން ވަނީ ޒަޚަމްވެފައެވެ.

ބޮޑުވަޒީރުކަމުގައި ހުންނެވިއިރު ދައުލަތުގެ މުދާ ވިއްކިކަމުގެ ތުހުމަތުގައި އިމްރާން ޚާނާ ދެކޮޅަށް އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އިމްރާން ޚާން ވަނީ އެކަން ދޮގުކުރައްވާ އެއީ ސިޔާސީ މަގްސަދެއްގައި ޕާކިސްތާން ސަރުކާރުން ކުރަމުންދާ ކަމެއްކަމަށް ވިދާޅުވެފައެވެ.

މުޅި ޕާކިސްތާނުގައި އިމްރާން ޚާންގެ ސަޕޯޓަރުން ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ކުރަމުންދާއިރު ކޯޓުން ވަނީ އެ އޮޕަރޭޝަން ހުއްޓާލުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި އިމްރާން ޚާންގެ ސަޕޯޓަރުންނާ ދިމާލަށް ފުލުހުން ވަނީ ރަބަރު އުންޑައާއި ޓިއަރ ގޭހާއި ޕްރެޝަރުގައި ފެން ޖަހާފައެވެ. އެހެން ވީޑިއޯއަކުން ޒަމާން ޕާކުގައި ހުންނަ އިމްރާން ޚާންގެ ގެކޮޅުން ދުން އަރާމަންޒަރު ވަނީ ފެނެއެވެ.

ވީޑިއޯ އާއި ޓްވީޓް މެދުވެރިކުރައްވާ ވާހަކަދައްކަވަމުން އިމްރާން ޚާން ވިދާޅުވީ މިކަންތައްތަކަކީ އެމަނިކުފާނު ހައްޔަރުކުރުމަށް މިހާރުގެ ސަރުކާރުން ކުރިޔަށްގެންދާ ކަންތައްތަކެއްކަމަށެވެ. އިމްރާން ޚާން ވަނީ މަރޗް 18 ވަނަ ދުވަހު ކޯޓަށް ވަޑައިގަންނަވާނެކަމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. އެކަމަށް އެއްބަސްވެ ވަޑައިގަންނަވާފައި ވަނީ އޭގެކުރިން ހައްޔަރުނުކުރުމަށް ފުލުހުންނަށް އެންގުމަށް ކޯޓުގައި ދަންނަވާފައެވެ.

އިމްރާން ޚާން ތުހުމަތުކުރައްވާ ގޮތުގައި ހައްޔަރުކުރުމަށް މަސައްކަތްކުރަނީ އަވަހާރަކޮށްލަންކަމަށެވެ. ޓިއަރ ގޭހާއި ފެން ބޭނުންކުރުމަށްފަހު މިހާރު ބޭނުންކުރަނީ ވަޒަންކަމަށް އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އަންގާރަ ދުވަހު ސަޕޯޓަރުންނަށް ދެއްވި ވީޑިއޯ މެސެޖެއްގައި އިމްރާން ޚާން ވިދާޅުވީ އެމަނިކުފާނު ޖަލަށްލުން ނުވަތަ އަވަހާރަކޮށްލަފާނެކަމަށް ބަލާ އެމަނިކުފާނާއެކު ނުވަތަ އެމަނިކުފާނާ ނުލާ ވިއަސް ސަޕޯޓަރުން ކުރިޔަށްދިޔުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!