ޖަޕާނުގެ ކިޝިދާއިން އިންޑޯ ޕެސިފިކްގެ އާ ޕްލޭނެއް އިއުލާނުކޮށް އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ހޯމަ ދުވަހު ނިއުދިއްލީގައި ހުޅުވާލެވިފައިވާ އަދި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދެއްގެ އާ ޕްލޭނެއް އިއުލާނު ކުރައްވާނެ ކަމަށާއި، މުޅި ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާމިންވަރު ބެލުމަށް ޓޯކިޔޯއާއެކު ބައިވެރިވުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ޖަޕާނުގެ އޮފިޝަލުން ވިދާޅުވީ ކިޝިދާ އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އިއުލާނު ކުރައްވާ މި ޕްލޭންގެ ދަށުން ކުރިއަރަމުން އަންނަ އިގްތިސާދުތަކަށް ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ހާއްސަކޮށް ދިފާއީ އަދި ސްޓްރެޓެޖިކް ކަންކަމުގައި އިންޑިއާ އާއި ޖަޕާނުގެ ގުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެ ދެ ގައުމަށް ވެސް ބާރުގަދަ ޗައިނާގެ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާތީ އެވެ.
ދެ ގައުމުގެ މެދުގައި ބާއްވާ އަހަރީ ސަމިޓުގައި އޭނާގެ އާ ޕްލޭން އިއުލާނު ކުރަން ކިޝިދާ ނިންމި ނިންމުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ޓޯކިޔޯއިން ނިއު ދިއްލީއަށް ދޭ އަހަންމިއްޔަތު ކަން ހާމަކޮށްދޭ ކަމެކެވެ.
ޖަޕާނުގެ އޮފިޝަލުން ވިދާޅުވީ އިންޑިއާ ކަނޑުގައި އިންޑިއާގެ ސްޓްރެޓެޖިކް ޖިއޮޕޮލިޓިކަލް ލޮކޭޝަނާއި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން ކިޝިދާ ގަބޫލުކުރައްވާ ކަމަށާއި މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކްގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.