ޗައިނާގެ ގުޅުން އިމްތިހާނު ކުރުމަށް ޖަރުމަނުގެ ވަޒީރަކު ޓައިވާނަށް ވަޑައިގަންނަވަނީ

ޖަރުމަނުގެ އެޑިއުކޭޝަން މިނިސްޓަރު އަންނަ ހަފުތާގައި ޓައިވާނަށް ވަޑައިގަންނަވާނީ ސެމީކޮންޑަކްޓަރުތަކާ ބެހޭ ގޮތުން ބާލިން އާއި ޓައިޕޭއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން ކަމަށާއި އެ ދަތުރުގެ ފޯކަސްއަކަށް ވާނީ ސިޔާދަތުގެ މައްސަލަ ނޫން ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނު ހުކުރު ދުވަހު ވިދާޅުވި އެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭއިރު، އެ ވާހަކަތައް ސާބިތުކުރުމަށް އަސްކަރީ، ސިޔާސީ އަދި އިގްތިސާދީ ޕްރެޝަރު ވަނީ އިތުރުކޮށްފަ އެވެ. ސިޔާސީ ގޮތުން ނާޒުކު މި ދަތުރުފުޅަކީ ބާލިން އިން ޗައިނާއާ އެކު ކުރިން އޮތް ގާތް ގުޅުން މުރާޖައާ ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ޗާންސެލަރ އޮލަފް ޝޮލްޒްގެ ތިންކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ، ލިބަރަލް ފްރީ ޑިމޮކްރެޓްސް (އެފްޑީޕީ)ގެ އިސް މަގާމުތަކުގައި ތިއްބެވި މެމްބަރުންގެ ވަފުދެއް މިދިޔަ ޖެނުއަރީ މަހު ޓައިވާނަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ބެއިޖިންއިން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
އެފްޑީޕީގައި ހިމެނިވަޑައިގަންނަވާ ބެޓީނާ ސްޓާކް-ވަޓްޒިންގަރ ގެ ދަތުރުފުޅު އަންނަ ހަފުތާގެ ކުރީކޮޅު ފައްޓަވާނެ ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.
މި ދަތުރުފުޅުގެ ސީދާ މައުލޫމާތު ހުރި ފަރާތަކުން ބުނީ ޗައިނާ މާ ބޮޑަށް ރުޅިއައުމުން ސަލާމަތްވުމަށް ޖަރުމަނު ސަރުކާރުގެ އިރުޝާދުގެ މަތިން ސްޓާކް-ވަޓްޒިންގަރ އަށް ރައީސް ސައި އިންގް-ވެން ނުފެންނާނެ ކަމަށެވެ.