ދުނިޔެ

ޔޫކްރެއިން މައްސަލައިގައި މަޝްވަރާކުރަން ޝީއަށް ދައުވަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިނަށް އަރައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގޮތުން މަޝްވަރާކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ދަޢުވަތު އަރުވާފައިވާނެ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ޒެލެންސްކީ މި ކަން ހާމަކުރައްވާފައި މި ވަނީ، ރަޝިޔާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ޝީ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

Ads by Sosun Fihaara

"ޔޫކްރެއިނުން ވާނީ ސުލްޙަ ގާއިމު ކުރެވޭނެ ފޯމިޔުލާއެއް ހުށަހަޅާފައި. އަދި، އެ ފޯމިޔުލާ ތަންފީޒު ކުރުމުގައި ބައިވެރިއަކަށްވުމަށް ޗައިނާއަށް ދަޢުވަތު ފޮނުވިން. އަދި، މަޝްވަރާތަކަށް ވެސް ދަޢުވަތު ދިނިން. އަދި، ޖަވާބެއް ނުލިބޭ. މަޑުކޮށްގެން މި ތިބީ ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި،" ޒެލެންސްކީ ވިދާޅުވިއެވެ.

ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޝީ ވިދާޅުވީ ޗައިނާއިން އިސްކޮށްފައި ވަނީ ވަކި އަތަކަށް ނުޖެހުނުގެ ސިޔާސަތަކެއް ކަމުގައެވެ. އަދި، ރަޝިޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޝީގެ ދެ ދުވަހުގެ ދަތުރުފުޅުގައި މަޝްވަރާކޮށްފައި ނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް، ޝީގެ ދަތުރުފުޅާ އެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހާމަވެގެންދިޔައެވެ. އިޤުތިޞާދީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކުރަން ދެ ބޭފުޅުން ވަނީ އެއްބަސްވެފައެވެ. އަދި، ހުޅަނގުގެ ބާރުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެ ޤައުމުން އެކުގައި ތިބިކަން ޝީއާއި ޕުޓިން ވަނީ ހާމަކުރައްވާފައެވެ.

ޝީ މޮސްކޯއަށް ވަޑައިގަންނަވާފައި މި ވަނީ ޔޫކްރެއިނުގައި ހަނގުރާމައިގެ ކުށްތައް ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)އިން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ޝީއަކީ، އައި.ސީ.ސީ.ގެ އަމުރު ނެރުނު ފަހުން ޕުޓިން ބައްދަލުކުރައްވާ އެހެން ޤައުމެއްގެ ފުރަތަމަ ލީޑަރެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ ގޮތުގެ ޕްލޭނެއް ޗައިނާއިން ވަނީ ހުށަހަޅާފައެވެ. ޕުޓިން ވަނީ ޗައިނާގެ ހުށަހެޅުންތަކަށް އިޙުތިރާމުކުރާ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އެ ހުށަހެޅުންތައް ގަބޫލުކުރުމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޝީގެ ހުށަހެޅުއްވުމަކީ ޕުޓިންއަށް ފައިދާވާނެ ގޮތަށް ފަރުމާކޮށްފައިވާ ހުށަހެޅުމެއް ކަމަށް ބުނެ، ޔޫކްރެއިނާއި ހުޅަނގުން ވަނީ އެ ހުށަހެޅުންތައް ގަބޫލު ނުކުރަން ނިންމާފައެވެ.

މި ހަނގުރާމައާ ގުޅޭ ގޮތުން ޗައިނާއިން ގެންގުޅެނީ މެދުމިނުގެ ސިޔާސަތެއް ކަމުގައި ޝީ ވިދާޅުވި ނަމަވެސް، ޔޫކްރެއިނާއި ހުޅަނގުން އެ ކަން ގަބޫލެއް ނުކުރެއެވެ. ވައިޓް ހައުސްއިން ބުނީ، ޝީގެ ސިޔާސަތަކީ ވަކި އަތަކަށް ތާޢީދުކުރުން ކަމަށާއި، އެއީ ރަޝިޔާ ކަމުގައެވެ. އަދި، ޔޫކްރެއިނަށް ފޮނުވާފައިވާ ރަޝިޔާ ސިފައިން އެ ޤައުމުން ބޭލުމަށް ޕުޓިންއަށް ބާރުއެޅުމަށް ވައިޓް ހައުސްއިން ވަނީ ޝީއަށް ގޮވައިލާފައެވެ.

2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނުގައި ފެށި ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް، ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުމުގައި ޗައިނާއިން ބައިވެރިވެފައެއް ނުވެއެވެ. އަދި، ރަޝިޔާއަށް ހަތިޔާރު ވިއްކުމާ މެދު ޗައިނާއިން ވިސްނަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!