ދުނިޔެ

އަބުރުގެ ދައުވާ ސާބިތުވެ، ރާހުލް ގާންދީ މަޖިލީހުން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް އަބުރުގެ ދައުވާ ސާބިިތުވުމުން އޭނާ މަޖިލީހުން ވަކިކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މަޖިލީހުން މި ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހުއެވެ. ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ހުކުމް ކުރީ ބުރާސްފަތި ދުވަހުއެވެ.

ގުޖުރާތުގެ ކޯޓަކުން މި ޙުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި، ދެއްކެވި ވާހަކައަކާއި ގުޅިގެން ކުރި އަބުރުގެ ދައުވާއެއް ސާބިތުވެގެންނެވެ.

ޙުކުމް ކުރި ނަމަވެސް އޭނާ މިވަގުތު ޖަލަކަށް ނުލާނެއެވެ. އޭނާ ކަފާލާތުގެ ދަށުން 30 ދުވަހަށް ދޫކޮށްލާފައިވާއިރު، އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކަފާލާތަށް އެދި ހުށަހެޅޭނެއެވެ.

2019 ވަނަ އަހަރުގެ އިންތިޚާބު ތެރޭގައި ކަރްނާޓަކާގައި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ގާންދީ ވަނީ ހުރިހާ "ވަގުން" ގެ ނަމުގެ ބައެއްގެ ގޮތުގައި "މޯދީ" ހިމެނެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ އެ ބަސް ނިސްބަތްކުރެއްވީ ޖިނާއީ ގިނަ ތުހުމަތުތަކެއް އިންޑިއާގެ ސަރުކާރުންނާއި އިންޓަރޕޯލްއިން ކޮށްފައިވާ ނީރަވް މޯދީއާއި، އިންޑިއާ ޕްރިމިއަރ ލީގުގެ ޗީފް ލަލިތު މޯދީއަށެވެ.

އޭނާގެ މައްޗަށް ދައުވާކުރީ ބީޖޭޕީގެ ޤާނޫނު ހަދާ މެންބަރެއްކަމަށްވާ ޕުނޭޝް މޯދީ ކުރެއްވި ޝަކުވާއަކާއި ގުޅިގެންނެވެ. އެގޮތުން ގާންދީގެ އެ ވާހަކަފުޅުގެ ސަބަބުން ނަރެންދްރަ މޯދީ ހިމެނޭހެން ގިނަ ބައެއްގެ އަބުރަށް އަރައިގަނެފައިވާކަމަށް ޝަކުވާގައިވެއެވެ.

ދިފާއުގައި ރާހުލް ގާންދީގެ ވަކީލުން ވަނީ މި މައްސަލައިގައި ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި، ގާންދީގެ ވާހަކައިގެ ސަބަބުން އަބުރު ގެއްލިގެން ދައުވާ ކުރުމުގެ ޙައްޤު އޮތީ ނަރެންދްރަ މޯދީއަށް ކަމަށެވެ.

ކޮންގްރެސް ޕާޓީން ވަނީ އެ ނިންމުން އިސްތިއުނާފު ކުރާނެކަމަށް ބުނެފައެވެ. އަދި ޕާޓީ ގެ އިސް ވެރިން ވަނީ އިހުތިޖާޖުގެ ހިނގާލުމެއްވެސް ބާއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!