ޝިފާޒަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ޤުރުބާންވި އިތުރު މީހަކު ނެތް: ރައީސް ނަޝީދު

ރައީސް އޮފީހުގެ މިނިސްޓަރު ކަމުން މިއަދު ވަކި ކުރި މުޙައްމަދު ޝިފާޒަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ޤުރުބާންވި ވަކި އިތުރު މީހަކު ނުހުންނާނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ޝިފާޒަށް ހިތްވަރު ދެއްވަމުން ވިދާޅުވެފައިވަނީ، ޝިފާޒު އެއްވެސް ވަރަކަށް ކަންބޮޑުވެލައްވާނެ ކަމެއް ނެތް ކަމަށާއި، ﷲގެ އިރާދަފުޅުން މުސްތަޤްބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ޝިފާޒު ވަކިކޮށްފައިވަނީ މިއަދުއެވެ. ޝިފާޒު ވަކި ކުރުމަށްފަހު އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރޭއެވެ.
ޝީފާޒް ރައީސް އޮފީހުން ވަކިކޮށްފައިވާއިރު، އޭނާދަނީ ރައީސް ނަޝީދާއެކު ފިކުރެއްގެ ދިރުން ކެންޕެއިންގައި އިސް ސަފުގައި ހަރަކާތްތެރިވަމުންނެވެ. ފިކުރެއްގެ ދިރުން ކެންޕެއިނަކީ މި ސަރުކާރާ ދެކޮޅަށް އެމްޑީޕީ ތެރެއިން އުފައްދައިގެން އުޅޭ ފެކްޝަނެކެވެ.