މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ޔޫތު މިނިސްޓްރީގެ ގުދަނަކަށް ވަދެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރޭ ވަނީ ހިއްސާކޮށްފައެވެ.
"ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީ،" ފޮޓޯތައް ހިއްސާކުރައްވަމުން މަހުލޫފު ވިދާޅުވިއެވެ.
އެކަން ހުއްޓާލުމަަށާއި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ސިޓީ ކައުންސިލުން ޒިންމާ އުފުލަންޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ކަން ހިނގި ގޮތް ބެލުމަށްފަހު ތަފުސީލު ހާމަކުރާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ގުދަން ހުންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ރުމާލު ޖަގަހަ" ހިންގިތާ ކައިރީގައެވެ.