ބޭރު ދުނިޔެ

އިންޑިއާ އިން 31 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) އަށް އިންޑިއާއިން 31 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާ އިން އެންމެފަހުން ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ، ތައިލޭންޑާއި މެލޭޝިއާ އަށް ދަތުރުކުރުމަށްފަހު އެނބުރި އެގައުމަށް އައިސްފައިވާ އިންޑިއާގެ މީހެއް ކަމަށް އޮފިޝަލުން ބުނެއެވެ. އޭނާ ނިސްބަތްވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށެވެ. ނިއުދިއްލީން މިހާތަނަށް ތިން މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މީގެއިތުރުން އިންޑިއާގެ އިތުރު ސަރަހައްދުތަކުން ވެސް މި ބައްޔަށް މީހުން ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ބުދަ ދުވަހު އިޓަލީން އެގައުމަށް އައިސްފައިވާ 16 ފަތުރުވެރިއަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮރޯވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަމުން އަންނަ ކަންތައްތަކުގެ ތެރޭގައި ދިއްލީގެ ޕްރައިމަރީ ސުކޫލުތަކުގެ ކިޔެވުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން އިންޑިއާ އަށް ދަތުރުކުރާ ހުރިހާ އިންޓަނޭޝަނަލް ޕަސިންޖަރުން ސްކްރީން ކުރުން ވެސް މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ބައެއް ގައުމުތަކަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާ ވައިރަހަށް މިހާތަނަށް 96،938 މީހުން ޕޮސިޓިވްވެފައިވާއިރު އެ ވައިރަހުގެ ސަބަބުން 3310 މީހުން ވަނީ މަރުވެފަ އެވެ. މިހާތަނަށް ރާއްޖެއިން އެކަކުވެސް ކޮރޯނާ ވައިރަހަށް ޕޮސިޓިވް އެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!