ދުނިޔެ

ޗައިނާގެ އިންޒާރުތަކަށް ބެލުމެއް ނެތި ސައިއާއި މެކާތީ ބައްދަލުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަށް ފަހު ތައިވާނުގެ ރައީސް ސައި އިންގް-ވެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ، ދެކުނު އެމެރިކާގެ ދެ ޤައުމަކަށް ސައި ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގަތް މަގުމަތީގައި އެމެރިކާގައި މަޑުކޮށްލެއްވުމުގެ ތެރެއިންނެވެ. ބައްދަލުވުން އޮތީ ކެލިފޯނިޔާގައެވެ.

Ads by Sosun Fihaara

ސައިގެ ދެކުނު އެމެރިކާގެ ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ މެކާތީއާ ބައްދަލު ނުކުރުމަށް ގޮވައިލާ، އޭނާއަށް ބޮޑެތި އިންޒާރުތަކެއް ދީފައެވެ. އަދި، ސައިއާ ބައްދަލުކުރެއްވުމަކީ "އަލިފާނާ ކުޅުން" ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް، މެކާތީއަށް ވެސް ޗައިނާއިން ވަނީ އިންޒާރުދީފައެވެ. ސައި އެމެރިކާގައި ޓްރާންސިޓް ކުރައްވާފައި ވަނީ ދެކުނު އެމެރިކާގެ ދެ ޤައުމެއް ކަމުގައިވާ ބެލީޒާއި ގުއަޓެމާލާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

"ސައިގެ ދަތުރުފުޅުގައި އެމެރިކާގައި ޓްރާންސިޓު ކުރަން ފުރުޞަތު ދިނުމަކީ ޗައިނާއިން ދެކޮޅު ކަމެއް. އަދި، ސައި އެމެރިކާގެ ހައުސްގެ ރައީސާ ބައްދަލުކުރުމުގެ ފުރުޞަތު ދިނުމާ ވެސް ޗައިނާއިން ދެކޮޅު. އެއީ، ޗައިނާގެ “އެއް ޗައިނާ” ސިޔާސަތާ ޚިލާފު ކަމަކަށް ވާނެ. އެއީ ޗައިނާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ބަލާނަން،" ސައިގެ ދަތުރުފުޅާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވިއެވެ.

ކެލިފޯނިޔާއަށް ސައި ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއާއި ތައިވާނަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކެލިފޯނިޔާގެ ސިމީ ވެލީގައި ހުންނަ ރޮނަލްޑް ރޭގަން ޕްރެޒިޑެންޝަލް ލައިބްރަރީ ކައިރިއަށް އެއްވެ އަޑުއުފުލާފައެވެ. ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ހިންގާ ޤައުމެއް ނަމަވެސް، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލު ކުރެއެވެ. އަދި، ބާރުގެ ބޭނުންކޮށްގެން ތައިވާނު ހިފުމަކީ ޗައިނާގެ ހައްޤެއް ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. ތައިވާނުގެ މިނިވަންކަން ބަލައިގަނެފައި ވަނީ މަދު ޤައުމަކުންނެވެ.

ސައި ކެލިފޯނިޔާއަށް ވަޑައިގެންނެވުމަކީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ. އަދި، ސައި ދަތުރުފުޅާ ގުޅިގެން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ސައި އެމެރިކާގައި ޓްރާންސިޓް ކުރައްވާފައި ވަނީ ނުރަސްމީ އަމިއްލަ ދަތުރުފުޅެއްގެ ގޮތުގައި ކަމަށް އެމެރިކާއިން ބުނެއެވެ.

ސައިއާއި މެކާތީގެ ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، މި ކަމަށް ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް މާއޯ ދެއްވިއެވެ. "ޗައިނާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނަން،" މާއޯ ވިދާޅުވިއެވެ.

އެ ބައްދަލުވުމާ ގުޅިގެން ނުރުހުންވެ، ޗައިނާއިން ވަނީ އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ލަޝްކަރެއް ތައިވާން ސްޓްރެއިޓްސްއަށް ފޮނުވާފައެވެ. ޗައިނާއިން ފޮނުވާފައިވާ މަނަވަރުތަކުގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް ވެސް ހިމެނެއެވެ. އެ ލަޝްކަރު މިހާރު އޮތީ ތައިވާނުގެ އިރުދެކުނުގައިވާ އައްސޭރިފަށުގައެވެ.

ހުސްވި 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ހައުސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ވެސް ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ތައިވާނު ވަށައިގެންވާ ކަނޑުގެ ސަރަޙައްދަށް އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ފޮނުވައި، ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!