ޚަބަރު

ޝިޔާމްގެ ސުވާލެއް ރައީސަށް: އިޓަލީ ފަތުރުވެރިން ރާއްޖެއައުން މަނާ ނުކުރެވިގެން މިއުޅެނީ ކީއްވެތޯ؟

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕްގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީން ފަތުރުވެރިން ރާއްޖެއައުން މަނާ ނުކުރެވިގެން އުޅެނީ ކިއްވެތޯ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ފަތުރުވެރިޔަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރުމާއި ގުޅިގެންނެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ ފަތުރުވެރިން ރާއްޖެއައުން މަނާ ކުރި ގޮތަށް އިޓަލީ ފަތުރުވެރިން ވެސް ރާއްޖެއައުން މަނާ ކުރެވެން ޖެހޭނެ ކަމަށެވެ.

"އިޓަލީ އަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ޔޫރަޕްގެ ގައުމަށްވީ ހިނގު ކީއްވެގެންތޯ ދިވެހި ސަރުކާރަށް ޗައިނާގެ ޓޫރިސްޓުން އައުން މަނާ ކުރި ގޮތަށް އިޓަލީ ޓޫރިސްޓުން އައުން މަނާ ނުކުރެވިގެން މިއުޅެނީ." ޝިޔާމް ވިދާޅުވިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ ޓޫރިސްޓް މީހާގެ ފަރާތުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އެހެންވެ އެ މީހާ މޮނީޓާ ކުރުމަށާއި ޓެސްޓް ހެދުމަށް އެކަމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އިޓަލީން ދާދި ފަހުން ރާއްޖެ އައި ދިވެއްސަކު ވެސް އެ ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓްކުރި އެވެ. ނަމަވެސް ޓެސްޓްތަކަށް ފަހު އޭނާގެ ހަށިގަނޑުން އެ ބަލި ނެތްކަން ޔަގީން ވުމުން ވަނީ ދޫކޮށްލައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!