ޚަބަރު ދުނިޔެ

ފެދާ: އާޓިފިޝަލް އިންޓެލިޖެންސާއެކު އުފެއްދި ނިއުސް ޕްރެޒެންޓަރެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފެއްދި ވާޗުއަލް ނިއުސް ޕްރެޒެންޓަރެއް ކުވައިތުގެ މީޑިއާތަކުން ދައްކާލައިފިއެވެ.

Ads by Sosun Fihaara
Ads by STELCO

ކުވައިތު ނިއުސްގެ ވެބްސައިޓްގެ ޓްވިޓާ އެކައުންޓުން "ފެދާ" އާއްމުންނަށް ދައްކައިލިއިރު ހުރީ ކަޅު ކުލައިގެ ޖެކެޓަކާއި ހުދު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.

"އަޅުގަނޑަކީ ކުވައިތު ނިއުސްގެ އާޓިފިޝަލް އިންޓެލިޖެންސްއާ އެކު މަސައްކަތް ކުރާ ކުވައިތުގެ ފުރަތަމަ ޕްރެޒެންޓަރު ފެދާ. ކޮން ކަހަލަ ޚަބަރަކަށް  އިސްކަންދެނީ؟" އަރަބި ބަހުން ފެދާ ބުނެއެވެ.

ކުވައިތު ނިއުސްއާ 2022 ވަނަ އަހަރު ގުޅުނު "ކުވައިތު ޓައިމްސް" އަކީ ގަލްފް ސަރަހައްދުގެ ފުރަތަމަ އިނގިރޭސި ބަހުގެ ނޫހެއްގެ ގޮތުގައި 1961 ވަނަ އަހަރު ނެރެން ފެށި ނޫހެކެވެ. އެ ޕަބްލިކޭޝަނާއި ވެބްސައިޓްގެ ޑެޕިއުޓީ އެޑިޓާ އިން ޗީފް ބޮފްޓެއިން ވިދާޅުވީ މިއީ އޭއައި އަށް "އާ އަދި އިނޮވޭޓިވް ކޮންޓެންޓް" ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރު ދައްކުވައިދިން ކަމެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ފެދާ އަށް ކުވައިތުގެ އެކްސެންޓް އެޑޮޕްޓްކޮށް، އެ ސައިޓުގެ ޓްވިޓާ އެކައުންޓުގައި ނިއުސް ބުލެޓިންތައް ހުށަހެޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފެދާ އަކީ މަޝްހޫރު، މުސްކުޅި ކުވައިތުގެ ނަމެއް، (މާނަ އަކީ) ރިހި، ދަގަނޑު. އަޅުގަނޑުމެންނަށް އަބަދުވެސް ބެލެވެނީ ރޮބޮޓްތަކަކީ ރިހި އަދި މެޓަލިކް ކުލައިގެ އެއްޗެއް ކަމަށް، އެހެންވީމަ (ފެދާގެ ނަމުގައި) މި ދެ ބައި އެއްކޮށްލީ،" ބޮފްޓެއިން ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގައި އޭއައި ހަލުވިކަމާއެކު ކުރިއަރަމުން ދިއުމުގެ ސަބަބުން ޞިއްޙީ ޚިދުމަތާއި ދުނިޔަވީ މަސައްކަތްތަކަށް ލުއި ލިބެމުން ދިޔަސް، މިކަމުގެ ސަބަބުން ފަންނުވެރިކަން ނެތި ދިޔުމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، ބައެއް ވަޒީފާތަކަށް ހުރި ނުރައްކާތަކާއި، ފަންނުވެރި ނަޒާހަތްތެރިކަމަށް ނުރައްކާވެދާނެކަމުގެ ބިރުވެސް ވަނީ އުފެދިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!