ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި ހަތަރު މީހުން މަރާލައިފި
ޕާކިސްތާނުގެ ހުޅަނގުދެކުނުގައިވާ ބަލޮޗިސްތާން ޕުރޮވިންސުގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއްދީ ހަތަރު މީހުން މަރައިލައިފިއެވެ. ކުއެތާގެ ކާރޫބާރޫ ބޮޑު މާރުކޭޓެއްގައި އޮތް ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު 15 މީހުން ޒަޚަމްވިއެވެ. ކުއެތާއަކީ ބަލޮޗިސްތާން ޕުރޮވިންސުގެ ވެރިރަށެވެ.
ކުއެތާގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ އަޒްފަރް މެހްސާރު ވިދާޅުވީ، ފުލުހުންގެ އުޅަނދަށް އަމާޒުކޮށް ގޮއްވައިލާފައިވާ ބޮން ހަރުކޮށްފައި ވަނީ ސައިކަލެއްގައި ކަމަށް ބެލެވޭ ކަމަށާއި، ގޮއްވައިލާފައިވާ ބޮމަކީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ކަމުގައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ދެ މީހުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގައި މަރުވި ޢާންމުންގެ ދެ މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހިމެނޭ ކަމުގައި، ކުއެތާގައި ހުންނަ ސަންދީމާން ޕުރޮވިންޝަލް ހޮސްޕިޓަލުގެ ތަރުޖަމާނު ވަސީމް ބާއިގް ވިދާޅުވިއެވެ. މި ކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ބަލޮޗިސްތާނަކީ ހަނގުރާމަވެރި ގިނަ ޖަމާޢަތްތަކެއް ހަރަކާތްތެރިވަމުންދާ ޕުރޮވިންސެކެވެ. އޭގެ ތެރެއިން ގިނަ ޖަމާޢަތްތަކަކީ، އެ ޕުރޮވިންސުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް، އެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ޖަމާޢަތްތަކެކެވެ. އެ ޖަމާޢަތްތަކުގެ އިތުރުން ތަހްރީކް އަލް-ޠާލިބާން ނުވަތަ ޕާކިސްތާނުގެ ތާލިބާނުންގެ ގޮފިން ވެސް ބަލޮޗިސްތާނުގައި ހަރަކާތްތެރިވެއެވެ. ކުއެތާގެ ބާޒާރުގައި ފުލުހުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާދިނުމުގެ ފަހަތުގައި ވަނީ ކޮން ޖަމާޢަތެއް ކަން އަދި ސާފެއް ނޫނެވެ.