ދުނިޔެ

ޓައިވާންގެ އަޒުމަކީ ޑިމޮކްރަސީ ރައްކާތެރިކުރުން: ސައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުން އޮތީ މިނިވަންކަމާއި ޑިމޮކްރަސީ ރައްކާތެރިކުރުމުގެ އަޒުމުގައިކަމަށް، އެގައުމުގެ ރައީސް ސައި އިންގްވެން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައި މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުއެވެ.

ޓައިވާންގެ ރައީސް، ސައި އިންގް-ވެން އެމެރިކާއަށް ވަޑައިގެން، އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދުކުރެއްވުމާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށްފަހު ޗައިނާއިން ވަނީ ޓައިވާން ސަރަހައްދުގައި ތިން ދުވަހުގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ފެށި މިހަރަކާތްތައް ނިންމާލާފައިވާކަމަށް ޗައިނާއިން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.

މިކަމާގުޅިގެން ވާހަކަފުޅުދައްކަވަމުން ސައި ވަނީ، އެކަމަނާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުން (ޗައިނާގެ އިންޒާރުތަކާއެކުވެސް) މިނިވަންކަމާއި ޑިމޮކްރަސީ ރައްކާތެރިކުރުމަށް ޓައިވާނުން ތައްޔާރަށް އޮތްކަން ހާމަވާކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތައް ނިންމާލާފައިވާކަމަށް އެގައުމުން ބުނިނަމަވެސް، ޗައިނާގެ އަސްކަރީ މަނަވާރާއި އެއަރކްރާފްޓްތައް ޓައިވާނުން ފެންނަމުންދާކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ވަނީ ޗައިނާގެ އަސްކަރީ މަނަވަރުތައްވެސް އެގައުމުގެ ސަރަހައްދުގައި އަދިވެސް ހަރަކާތްވަމުންދާކަމަށް ބުނެފައެވެ. އެގޮތުން ޗައިނާގެ 8 މަނަވަރު އެގައުމުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބުދަ ދުވަހު އެމިނިސްޓްރީން ވަނީ 24 ގަޑިއިރުގެ ތެރޭގައި ޗައިނާ އަސްކަރިއްޔާގެ 14 އެއަރކްރާފްޓް ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިން ހުރަސްކޮށް، ޓައިވާންގެ ވައިގެ ސަރަހައްދުން އުދުހިފައިވާކަމަށް ބުނެފައެވެ.

ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިނަކީ ޗައިނާއާއި ޓައިވާންގެ ސަރަހައްދު ކަނޑައެޅުމަށް ގެންގުޅޭ ނުރަސްމީ ބޯޑަރެވެ.

ޓައިވާން ސަރުކާރުން ދަނީ ޗައިނާއިން އެގައުމުގެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ތަކުރާރުކޮށް ކުށްވެރިކުރަމުންނެވެ. އެގައުމުގެ ރައީސް ވަނީ މި ހަރަކާތްތަކަކީ ޒިންމާދާރުކަން ކުޑަ ހަރަކާތްތަކެއް ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި އެގައުމުގެ ނުރުހުމުގައި އެމެރިކާގެ އިސްފަރާތްތަކުން، ޓައިވާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަކީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.

ޓައިވާނަކީ އެގައުމުގެ ބައެއްގެގޮތުގައި ބޭއްވުމަށްޓަކައި ބާރުގެ ބޭނުުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!