ޖަޕާން، އިންޑިއާ، ފަރަންސޭސިވިލާތަކީ ސްރީލަންކާގެ ކްރެޑިޓަރުންނަށް ކޮމަން ޕްލެޓްފޯމެއް

ޖަޕާނާއި އިންޑިއާ އަދި ފަރަންސޭސިވިލާތުން ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކޯޑިނޭޓް ކުރުމަށް ބައިލެޓަރަލް ކްރެޑިޓަރުންގެ މެދުގައި މަޝްވަރާކުރުމަށް އެއް ޕްލެޓްފޯމެއް އިއުލާނުކޮށްފި އެވެ.
ނަމަވެސް ސްރީލަންކާގެ ކްރެޑިޓަރުންގެ މެދުގައި ސިލްސިލާ ބައްދަލުވުންތަކެއް ފެށުމުގެ މަގްސަދުގައި މިއަހަރުގެ ޖީ7 ގެ ޗެއާ، ޖަޕާނުން ފަށާފައިވާ މި އިނިޝިއޭޓިވްގައި ސްރީލަންކާގެ އެންމެ ބޮޑު ބައިލެޓަރަލް ކްރެޑިޓަރ ޗައިނާ ބައިވެރިވާނެކަމެއް އަދި ނޭނގެއެވެ.
ޖަޕާނުގެ ފިނޭންސް މިނިސްޓަރު ޝުނީޗީ ސުޒުކީ ބުރާސްފަތި ދުވަހު ބޭއްވި ބްރީފިންއެއްގައި ވިދާޅުވީ، މިފަދަ ފުޅާ ދާއިރާއެއްގައި ކްރެޑިޓަރުންގެ ގްރޫޕެއް އެއްކޮށް، މި މަޝްވަރާގެ މަރުހަލާ ފަށައިގަތުމަކީ ތާރީހީ ނަތީޖާއެއް ކަމަށެވެ.
"މި ކޮމެޓީއަކީ ހުރިހާ ކްރެޑިޓަރުންނަށް ވެސް ހުޅުވާލެވިފައިވާ ކޮމެޓީއެއް،" މި މަސައްކަތުގައި ޗައިނާ ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްރާންސްގެ ޑިރެކްޓާ ޖެނެރަލް އޮފް ދަ ޓްރެޜަރީ އެމެނުއެލް މައުލިން ބްރީފިންގައި ވިދާޅުވީ ފުރަތަމަ ބުރުގެ މަޝްވަރާތައް "ވީހާވެސް އަވަހަކަށް" ބާއްވަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށެވެ.