ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރުމަށް މުސާރައިގެ ހަތަރު ބައި ކުޅަ އެއްބައި ޓްރަމްޕް ހަދިޔާކޮށްފި
ކޮރޯނާވައިރަހަކީ މިހާރު ދުނިޔެއަށް ފެތުރިފައިވާ އެންމެ ބޮޑު އެއް ބިރުވެރިކަމެވެ. މި ނުރައްކާތެރި ވައިރަހާއި ހަނގުރާމަ ކުރުމުގެ ގޮތުން އެމެރިކާ ގެ ރައީސް ޓްރަމްޕް ވަނީ އޭނާގެ 2019 ވަނަ އަހަރުގެ މުސާރައިގެ ހަތަރު ބައި ކުޅަ އެއް ބައި ހަދިޔާ ކުރަން ނިންމާފައެވެ.
ވައިޓް ހައުސް ގެ ޕްރެސް ސެކްރެޓެރީ ސްޓެފަނީ ގްރިޝަމް މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޓްރަމްޕް ވަނީ އޭނާގެ މުސާރައިން 100000 އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައެވެ. ސްޓިފަނީ ވަނީ ހަދިޔާ ކުރި ފައިސާގެ ޗެކު ވެސް އާންމު ކޮށްފައެވެ. މި ފައިސާ ބޭނުން ކުރާނީ ކޮރޯނާ ވައިރަހުން ލިބުނު އެކި ގެއްލުންތައް ފޫބެއްދުމަށާއި ގެއްލުން ލިބުނު ފަރާތަތަކަށް އެހީ ވުމަށެވެ.
އެއް ހަފްތާގެ ތެރޭގައި އެމެރިކާއިން 100 އަށް ވުރެ ގިނަ ކޮރޯނާ ވައިރަހަށް ޕޮސިޓިވް ކޭސްތައް ފެނިފައިވާއިރު މިހާތަނަށް 9 މީހަކު މަރުވެފައިވެއެވެ. ޓްރަމްޕް ވަނީ މިކަމާއި ގުޅިގެން ގޯޖިއާގައި ހުންނަ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އަށް ވެސް ދިއުމަށް ނިންމާފައެވެ.
ޓްރަމްޕް ވަނީ މީގެ ކުރިން ވެސް އޭނާގެ މުސާރަ އެ ގައުމުގެ ދައުލަތުގެ ބައެއް މުއައްސަސާތަކަށް ހަދިޔާކޮށްފައެވެ. މިގޮތުން ޑިޕާޓްމެންޓް އޮފް ސޯޝަލް ސެކުރިޓީއާއި ވެޓެރަންސް އެފެއާސް ފާހަގަކޮށްލެވެއެވެ.
ގައުމުގައި މަގުބޫލުކަން ކުޑަވެފައިވާ އެމެރިކާގެ ރައީސް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވާއިރު ކޮރޮނާ ވައިރަހަކީ އެމެރިކާގެ ބައިލޮޖިކަލް ހަތިޔާރެއް ކަމަށް އީރާންގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ވަނީ ބުނެފައެވެ.