ފެނަކައިން ކުންފުނިތައް ލައްވައި މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީ ލަސްވާ މައްސަލަ އަވަސްކޮށް ދިނުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. އޭނާގެ މައްސަލާގައި ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ 2.8 ބިލިޔަން ރުފިޔާ ނުދެވި އޮތުމުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ ގޮތް ހުސްވެފައިވާކަމަށް ވިދާޅުވިއެވެ.
އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން، ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަ ނުދެވި ބައެއް ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އާދަމް ޝަރީފުގެ ޤަރާރުގައި ބުނެފައިވެއެވެ.
މީގެއިތުރުން ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި، އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް މި ވެސް އެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.
މިފަދަ ޤަރާރެއް އާދަމް ޝަރީފު ހުށަހެޅުއްވިއިރު، މިކަމާ ގުޅޭގޮތުން އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ނުކޮށް ވަނީ ބޭރުކޮށްލައިފައެވެ.